ޚަބަރު

19 އަހަރަށް ފަހު ހަމޭސް ރޮޑްރިގޭޒް އެނބުރި އަމިއްލަ ގައުމުގެ ލީގަށް


  • މިއީ ހަމޭސް ރޮޑްރިގޭޒްގެ 14 ވަނަ ކްލަބް

19 އަހަރަށް ފަހު ކޮލަމްބިޔާ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އަމިއްލަ ގައުމުގެ ލީގަށް ބަދަލުވެއްޖެއެވެ. 35 އަހަރުގެ އެޓޭކިންގ މިޑްފީލްޑަރ ބަދަލުވީ ކޮލަމްބިޔާގެ އެތުލެޓިކޯ ނެސިއޮނަލް އަށެވެ. އެކުލަބާއެކު ސޮއިކުރި އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިއީ ހަމޭސްގެ 14 ވަނަ ކުލަބެވެ.

ހަމޭސް ރޮޑްރިގޭޒް ކޮލަމްބިޔާ ދޫކޮށް, އެހެން ގައުމުތަކުގެ ލީގުތަކުގައި ކުޅެން ފެށީ އެންމެ 16 އަހަރުގައެވެ. އެންމެ ފުރަތަމަ އޭނާ ބަދަލުވީ އާޖެންޓީނާ ލީގަށެވެ. އޭގެފަހުން ޕޯޗްގަލް އާއި ފްރާންސް ލީގުގައިވެސް ކުޅުނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށްވެސް ހަމޭސް ކުޅުނެވެ. މީގެއިތުރުން އެވަޓަން އަށްވެސް ކުޅުނެވެ. ހަމޭސް ރޮޑްރިގޭޒްގެ ވިދުން ގަދަވީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ގޯލްޑެން ބޫޓް ހޯދިއެވެ. މުބާރާތުގައި ހަ ގޯލް ޖެހިއެވެ. އޭގެ ތެރޭގައި އުރުގުއޭ ކޮޅަށް ޖެހި މޮޅު ގޯލު ހިމެނެއެވެ.

ވޯލްޑްކަޕްގެ ވިދާލުމާއެކު ސްޕެއިންގެ ރެއާލް މެޑްރިޑުން ބޮޑު އަގުގައި ހަމޭސް ރޮޑްރިގޭޒް ގެންދިޔައެވެ. 87.2 މިލިއަން ޑޮލަރަށް ރެއާލް މެޑްރިޑުން އޭނާ ގެންދިޔަ ނަމަވެސް މޮޅު ކުޅުން ދެމެހެއްޓުމުގައި ކާމިޔާބުނުވެ, ކުރު މުއްދަތެއްގެ ތެރޭގައި ރެއާލު ދޫކޮށްލިއެވެ. އޭގެފަހުން މެކްސިކޯގައި ލީގުގައިވެސް ކުޅުނެވެ. އެންމެ ފަހުން ހަމޭސް ރޮޑްރިގޭޒް ކުޅުނީ އެމެރިކާ ލީގުގައެވެ. އަމިއްލަ ގައުމުގެ ލީގަށް ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ކުލަބް ލެވެލްގައި މޮޅު ކުޅުން ދަމަހައްޓަން އުނދަގޫވިޔަސް އެންމެ ފަހުގެ ވޯލްޑްކަޕްގައިވެސް ކޮލަމްބިޔާ ކެޕްޓަންގެ ގޮތުގައި ހަމޭސް ރޮޑްރިގޭޒްވީ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށެވެ.

ހަމޭސް ރޮޑްރިގޭޒްގެ މޮޅު ކުޅުން، މަތީ ފަންތީގައި ދަމަހައްޓަން އުނދަގޫ ވިޔަސް ކުލަބް ކާމިޔާބީ ތަކަށް ބަލާއިރު 25 ތަށި ވަނީ އުފުލާލާފައެވެ. އަދި ގައުމީ ޓީމަށް ކުޅުނު 131 މެޗާއެކު އޭނާ އަކީ ކޮލަމްބިޔާގެ އެންމެ މަގުބޫލު ކުޅުންތެރިޔާއެވެ.