އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ މާދަމާ ރޭ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މެންޗެސްޓަރގައި ފުޓްބޯޅައިގެ ރަސްކަން ކުރަނީ މީގެތެރެއިން ކޮން ޓީމެއް ކަމާމެދު ކުރެވޭ ބަހުސް ގަދަވާން ފަށައިފިއެވެ.
ޔުނައިޓެޑާއި ސިޓީއަކީ އަބަދުވެސް މެންޗެސްޓަރ އަށް ނިސްބަތްވާ ވަރަށް ވާދަވެރި ދެޓީމެވެ. މިގޮތުން ސަރ އެލެކްސް ފަރގަސަންގެ ކޯޗުކަމުގެ ދަށުގައި ޔުނައިޓެޑުން ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރަމުންދިޔައިރު ޔުނައިޓެޑުން ސިޓީ ސިފަކުރަމުންދިޔައީ އަޑުގަދަ އަވަށްޓެރިއެއްގެ ގޮތުގައެވެ. ފަހަކަށް އައިސް ސިޓީއިން ކާމިޔާބީ ހާސިލް ކުރަން ފަށާފައިވާއިރު ޔުނައިޓެޑުގެ ވިދުން ވަނީ ފަނޑުވެފައެވެ.
ނަމަވެސް މިފަހަރު މިބަހުސް ބޮޑަށް ފެށުނީ މިސީޒަންގައި ސިޓީއާއި 116 މިލިއަން ޕައުންޑްގެ ބޮޑު އަގަކަށް ބަދަލުވި އިންގްލަންޑުގެ ކުޅުންތެރިޔާ އެލިއޮޓް އެންޑަރސަން ބުނި ބުނުމަކާއި ގުޅިގެންނެވެ. ސިޓީއާއި ގުޅުނުއިރު އެންޑަރސަން ސިފަ ކުރިގޮތުގައި މެންޗެސްޓަރގައި ރަސްކަން ކުރަނީ ސިޓީއެވެ. އަދި މިއާއެކު ސީޒަންގައި ކުޅޭ ފުރަތަމަ މެންޗެސްޓަރ ޑަރބީ އާއިއެކު މިކަމަށް ކުރެވޭ ބަހުސް މިވަނީ ހޫނުވެފައެވެ. މިދެ ޓީމު ބައްދަލުކުރާއިރު ގިނަ ބަޔަކު ދަނީ އެންޑަރސަން އެބުނީ ރަނގަޅު ވާހަކައެއްތޯ އާއި ސިޓީއިން ފަހަކަށް އައިސް ހޯދަމުންދާ ކާމިޔާބީ ތަކުގެ މާނައަކީ މެންޗެސްޓަރ މިހާރު ކުރީގައި އުޅެނީ އެޓީމުތޯ އާއި ނުވަތަ މެންޗެސްޓަރގައި އަދިވެސް އެއްވަނަ ޓީމަކީ ޔުނައިޓެޑް ތޯއާމެދު ސުވާލު އުފައްދަމުންނެވެ.
އެންޑަރސަން ސިޓީ އާއި ގުޅުމަށްފަހު އެކުލަބްގެ އޮފިޝަލް ވެބްސައިޓުން މެންޗެސްޓަރ ޑަރބީ އާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ސިޓީ އާއި ޔުނައިޓެޑުގެ މެދުގައި ކުޅެވެނީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފަހަގަ ކޮށްލެވޭ އެއް ޑަރބީ ކަމަށެވެ. އަދި އޭނާ ހަނދާން ހުންނަން ފެށީއްސުރެ މެންޗެސްޓަރގައި ރަސްކަން ކުރަނީ ސިޓީކަމަށެވެ. އަދި މިޑަރބީގައި ކުޅުމަށް ކެތް މަދުވެފައިވާ ކަން އޭނާ ހާމަކުރިއެވެ.
ސިޓީގެ ކޯޗުކަމާއި މިސީޒަންގައި އަލަށް ހަވާލުވި އިޓަލީވިލާތުގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ފަހަކަށް އައިސް ބަލާނަމަ އެންޑަރސަން އެބުނި ވާހަކަ ރަނގަޅު ކަމަށެވެ. އަދި އެންޑަރސަންގެ ދިފާއުގައި މަރެސްކާ ބުނީ އެންޑަރސަން އެހެން ބުނެފައިއެވަނީ އޭނާ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ފުޓުބޯޅައިގެ ތެރޭގައި އުޅޭ މީހަކަށްވާއިރު ސިޓީއިން ހޯދާފައިވާ ކާމިޔާބީ ތަކަކީ އާދަޔާ ޚިލާފް ކާމިޔާބީ ތަކެއް ކަމަށެވެ.
މަރެސްކާ ބުނީ އޭގެ ކުރިއަށް ޖެހިލާނަމަ މަންޒަރު ތަފާތު ކަމަށާއި ނަމަވެސް އެންޑަރސަން ބޮޑުވަމުން އައިއިރު މެންޗެސްޓަރގައި މޮޅަށް ކުޅެމުން އައިސްފައިވަނީ ސިޓީ ކަމަށެވެ. މަރެސްކާ ބުނީ މެންޗެސްޓަރ ޑަރބީއަކީ އެއް ސިޓީއަށް ނިސްބަތްވާ ދެޓީމަށް ވުމުން މި ދެޓީމުގެ ކުރިމަތި ލުމަކީ ވަރަށް ހާއްސަ، އެހާމެ މުހިންމު މެޗެއް ކަމަށެވެ. އަދި މިކުރިމަތިލުމުގެ މުހިންމުކަން ދެ ކުލަބްގެ އިތުރުން ދެ ކުލަބްގެ ސަޕޯޓަރުންނާއި އެހެން އެންމެނަންވެސް ފާހަގަ ކުރެވޭކަމަށެވެ. އަދި އޭނާގެ ކޯޗު ކަމުގެ ދަށުން ސިޓީ ކުޅޭ ފުރަތަމަ ޑަރބީ އާއި ކުރިމަތިލާން ކެތް މަދުވެފައިވާ ކަމަށާއި އަދި މިއީ ފުޓްބޯޅައިގައި އެންމެ ފާހަގަ ކޮށްލެވޭ މެޗުތައް ކަމަށެވެ. ޔުނައިޓެޑާއި ބައްދަލުކުރާ މެޗު އެޓީމުގެ ދަނޑުގައި ފަސޭހަ ނުވާނެ ކަމަށާއި ޔުނައިޓެޑްގެ ކޯޗު ކަމާއި މައިކަލް ކެރިކް ހަވާލުވެ އެޓީމަށް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށް މަރެސްކާ ބުންޏެވެ.
2009 ވަނަ އަހަރު ސިޓީ އަށް އަޑުގަނދ އަވަށްޓެރިޔާގެ ލަގަބު ޔުނައިޓެޑުގެ އޭރުގެ ކޯޗު ސަރ އެލެކްސް ފަރގަސަން ދިން އިރު ކެރިކް އަކީ ޔުނައިޓެޑުގެ ކުޅުންތެރިޔެކެވެ. ކެރިކް ސިފަކުރިގޮތުގައި ފަހަކަށް އައިސް ސިޓީއިން ޕްރިމިއަރ ލީގާއި ޑަރބީތަކުގައި ހޯދަމުން ގޮސްފައިވާ ކާމިޔާބީ ތަކުގެ ސަބަބުން މިދެ ޓީމުގެ ވާދަވެރިކަން އިތުރަށް ވަނީ ބޮޑުވެފައެވެ. ކެރިކް ބުނީ އޭނާ އެންމެ ފުރަތަމަ ޔުނައިޓެޑާއި ގުޅުނު އިރު މަންޒަރު ވަރަށް ތަފާތު ކަމަށާއި އޭރު މެންޗެސްޓަރގައި އޮތް ހަމައެކަނި ކުލަބަކީ ޔުނައިޓެޑް ކަމަށެވެ. އަދި ސިޓީ އަކީ އޭރަށް ބަލާއިރު މާފަހަގަ ކޮށްލެވޭ ކުލަބެއް ނޫން ކަމަށެވެ.
ކެރިކް ބުނީ މެންޗެސްޓަރގައި ފުޓުބޯޅައިގެ މަންޒަރު ބަދަލުވެގެން ދިއުމުގައި 2012 ވަނަ އަހަރުގެ އެޕްރީލް މަހު ވިންސެންޓް ކޮމްޕެނީގެ ގޯލަކުން އެފަހަރުގެ ޑަރބީ ސިޓީ ކާމިޔާބު ކޮށް އަދި ލީގުގެ ފަހު ދުވަހުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރެގައި ސިޓީއިން ލީގު ކާމިޔާބު ކުރުން ބޮޑު ބައެއް އަދާކުރިއެވެ. އެދުވަހުގެ ހިތްދަތި ހަނދާންތައް އަދިވެސް ހުންނަ ކަމުގައި އޭނާ ސިފަކުރިއެވެ. ހަމައެއާއެކު މެންޗެސްޓަރ ޑަރބީގައި ޔުނައިޓެޑަށް ހޯދިފައިވާ ފާހަގަ ކޮށްލެވޭ ކާމިޔާބީ ތަކުގެ ވާހަކަވެސް ކެރިކް ފާހަގަ ކުރިއެވެ.
ކެރިކް ބުނީ 2010 ވަނަ އަހަރުގެ ލީގު ކަޕްގެ ސެމީ ފައިނަލްގައި އޭނާ އާއި ވޭން ރޫނީ ޖަހައިދިން ލަނޑު ތަކުން ސިޓީ ބަލިކުރި ފަހަރު ފާހަގަ ކޮށްލެވޭ ކަމަށާއި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިޓީގެ ދަނޑުގައި ރޮބިން ވެން ޕަރސީ އެންމެ ފަހު ވަގުތު ޖަހައިދިން ލަނޑުން ޔުނައިޓެޑް ހޯދި ކާމިޔާބީ އާއި 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މައިކަލް އޮވެންގެ ލަނޑުން ޔުނައިޓެޑް ހޯދި ކާމިޔާބީ އަދި 2011 ވަނަ އަހަރު ރުނީ އޯވަރހެޑް ކިކަކުން ކާމިޔާބު ކުރި ލަނޑާއެކު ހޯދި ކާމިޔާބީ ފާހަގަ ކޮށްލެވޭ ކަމަށެވެ. އަދި ކެރިކްގެ އުންމީދަކީ އޭރުގެ އެކާމިޔާބީ ތަކުގެ ލިސްޓަށް އޭނާގެ ކޯޗުކަމުގެ ދަށުން އިތުރު މެޗުތަކެއް އިތުރުކުރުމެވެ.
އަހަރުގެ ފުރަތަމަ މެންޗެސްޓަރ ޑަރބީ ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ ރޭ އަށްގަޑި ތިރީހުގައެވެ.