ޚަބަރު

ދުބާއީ އޭޓީއެމް ފެއާ: ފަތުރުވެރިކަން އިޝްތިހާރުކޮށް، ކުރިއެރުވަން ފަހި ފުރުސަތެއް


  • ފެއާ ކުރިއަށްދާނީ މިމަހުގެ 14 އިން 17އަށް

  • ވީއެމްސީއާއެކު ރާއްޖޭގެ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވާނެ

  • މުހިންމު 3 އެއްބަސްވުމެއްގައި ސޮއިކުރާނެ

މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާއަކީ އަރަބިއަން ޓްރެވަލް މާކެޓެވެ. މިއީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ދަހިކުރުމަށް ބާއްވާ މުހިންމު ފެއާއެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، މިއީ މުހިންމު ފެއާއެކެވެ. ރާއްޖެއަށް ޔޫރަޕުން އަންނަ ގިނަ ފަތުރުވެރިންނަކީވެސް މެދުއިރުމަތީގެ އެއާލައިންތަކުން އަންނަ ފަތުރުވެރިންނެވެ. އަދި ރާއްޖޭއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިދިޔަ އަހަރުތެރޭ މެދުއިރުމަތިން 80،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި ސަބަބުތަކާއެކު ކޮންމެ އަހަރަކުވެސް ރާއްޖެއިން މި ފެއާއަށް ހާއްސަ އިސްކަމެއްދެއެވެ. މިއަހަރުގެ އޭޓީއެމް ފެއާ ކުރިއަށްދާނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިމަހުގެ 14 އިން 17ގެ ނިޔަލަށެވެ. މި އަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް، ވީއެމްސީއާއެކު ރާއްޖޭގެ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވާނެއެވެ. ވިޒިޓް މޯލްޑިވްސްއިން މިހާރު ކުރަމުންދަނީ މިފެއާގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ރާއްޖެއިން އޭޓީއެމްއަށްވަމުންދާ ތައްޔާރީތައް

މިއަހަރުގެ އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ފެއާ އަށް ވިޒިޓް މޯލްޑިވްސް އިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްއިން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ މިއަހަރުގެ އޭޓީއެމް ފެއާގައި ބައިވެރިވުމަށް އެ ކޯޕަރޭޝަނުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ.

ވަކިން ޚާއްސަކޮށް މި ދުވަސްވަރަކީ، މެދުއިރުމައްޗަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން، އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެފައިވާ ދުވަސްވަރެއްކަން ޔާސިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް ދައްކާލާ، ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތެއްކަން ޔާސިރު ފާހަގަކުރެއްވިއެވެ.

"މިއީ މެދުއިރުމައްޗަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން ފަތުރުވެރިކަން ތަންކޮޅެއް ދަށަށް ގޮސްފައިވާ ދުވަސްވަރެއް. އަޅުގަނޑުމެންގެ އުއްމީދަކީ މި ފެއާގެ ސަބަބުން ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދިއުން". ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، އޭޓީއެމް ފެއާއަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ. އެގޮތުން ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ ދަތުރުފަތުރުގެ ކަންކަމާއި، ރާއްޖޭގެ ސްޓޭންޑުގެ މަސައްކަތްތައް ކުރިއަށްދާކަން ޔާސިރު ފާހަގަކުރެއްވިއެވެ.

"ފެއާއަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން މިދަނީ. ފެއާއަށް ރާއްޖެއިން ބައިވެރިވާ ވަފުދުގެ ދަތުރުފަތުރުގެ ކަންކަމާއި، އެކޮޅަށް ގެންދަން ބޭނުންވާ ތަކެތި ފޮނުވާލުންފަދަ ކަންކަން ކުރިއަށްއެބަދޭ". ޔާސިރު ވިދާޅުވިއެވެ.

ފެއާގެ ރާއްޖޭގެ ސްޓޭންޑުން ފެނިގެންދާނީ ކަނޑުއަޑީގެ ހިތްގައިމުކަން

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ފެއާތަކުގައި ރާއްޖޭގެ ސްޓޭންޑަކީ ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޝައުގުވެރިކަމާއި ސަމާލުކަން ލިބިގެންދާ ފަދަ ގޮތަށް ފަރުމާކުރެވިފައިވާ ތަނަކަށް ހެދުމަށް ވިޒިޓް މޯލްޑިވްސްއިން އަބަދުވެސް އިސްކަންދެއެވެ. އޭޓީއެމް ފެއާގެ ރާއްޖޭގެ ސްޑޭންޓުން ދައްކުވައިދޭނީ ކަނޑުއަޑީގެ ހިތްގައިމު ކަމެވެ.

ރާއްޖެއިން 517 އަކަމީޓަރުގެ ސްޓޭންޑެއް ހެދުމަށް ނިންމާފައިވާއިރު، މި ސްޓޭންޑުގައި 2 ފްލޯ ހިމެނޭނެއެވެ. މި ސްޓޭންޑު ފަރުމާކޮށްފައިވަނީ ދިވެހި ކަނޑުފަޅުގެ ރީތިކަމާއި، ކަނޑުގެ ދިރުންތައް އެންމެ ފުރިހަމައަށް ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެފަދަ ގޮތަށްކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

ސްޓޭންޑުން މަންތާތަކާއި، މުރަކަތަކާއި، މަސްތައް ހިމެނޭ ތްރީ-ޑީ ކުރެހުންތަކާއި، ކަނޑުއަޑީގެ މުރަކައިގެ ހިތްގައިމުކަމާއި، ކަނޑުގެ ދިރުންތައް މުޅި ސްޓޭންޑުގައިވެސް ވަރަށް ފުރިހަމައަށް ސިފަކޮށްދޭނެއެވެ.

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް

އޭޓީއެމް ފެއާގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މެދުގައި ފައިދާކުރަނިވި ޖޮއިންޓް ވެންޗަރތައް ކުރިޔަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލުމެވެ. 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގެ ހަވާސާގެ ތެރެއިން ގިނަ ބައްދަލުވުންތަކެއް ބާއްވާނެއެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ ފެއާގެ ތެރެއިން ޤަތަރު އެއަރވޭސްއާއި، އެމިރޭޓްސްގެ އިތުރުން މެދުއިރުމަތީގެ އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރ ޑިނާޓާއާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.