ޚަބަރު

ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް މާދަމާ ފަށަނީ


  • މުބާރާތްކުރިއަށްދާނީ މިމަހުގެ 11، 12 އަދި 19 ވަނަ ދުވަހު

  • މުބާރާތުގައި ވާދަކުރާނީ މާލޭ ސްޕޯޓްސް ކްލަބް، ސީބީއެލް، އަނާކީ އެސްސީ އަދި ނިއު ސްޓާ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕް މިމަހުގެ 11 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ޕްރިމިއަރ ލީގުގެ އެންމެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ މާލޭ ސްޕޯޓްސް ކްލަބް، ސީބީއެލް، އަނާކީ އެސްސީ އަދި ނިއު ސްޓާއެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ ސެމީގައި ޕްރިމިއަރ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމުކަމަށްވާ މާލެ ސްޕޯޓްސް ކްލަބާއި ސީބީއެލް ވާދަކޮށް މޮޅުވާ ޓީމަކަށް ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ފައިނަލުގެ ފުރުސަތު ލިބޭނެއެވެ.

އެޔަށްފަހު އޮންނަ އެލިމިނޭޓަރ ބުރުގައި ވާދަކުރާނީ އަނާކީ އެސްސީ އަދި ނިއު ސްޓާ އެވެ. އަދި މިތަނުން މޮޅުވާ ޓީމަކާ، ފުރަތަމަ ސެމީއިން ބަލިވި ޓީމާ އަލުން ވާދަކުރާނެއެވެ. ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ މިމެޗަށްފަހުއެވެ.

ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ކުޅުން އޮންނާނީ މިމަހުގެ 11، 12 އަދި 19 މި ތިންދުވަހު ކުޅިވަރު އެކުވެނީގައެވެ. އަދި މިއީ ސީބީއެމްއިން މިއަހަރަށް އިންތިޒާމުކުރާ ޓީ 20 ފަހު މުބާރާތެވެ.

ސީބީއެމްގެ ޓީ 10 މުބާރާތް އަންނަމަހު ފެށުމަށް ހަމަޖެހިފައިވާއިރު، ޤައުމީ ކުރިކެޓް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަމަހު މެލޭޝިއާގައި އޮންނަ އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރުމަށެވެ.

މިމުބާރާތުގެ ކުރިން އިތުރު ތަމްރީނުތަކަށް ޤައުމީ ޓީމު ލަންކާގައި ކޭމްޕްކުރާނެއެވެ. ލަންކާއަށް ޤައުމީ ޓީމު ފުރާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.