ޚަބަރު

ފިލިޕީންސްގައި ފެރީއެއްގައި ރޯވެ، ފަސް މީހުން މަރުވެ 80 މީހުން ގެއްލިއްޖެ


ފިލިޕީންސްގެ ހުޅަނގުގައި އޮންނަ ޕަލަވާންގެ އައްސޭރިފަށުން ދަތުރުކުރި ފެރީއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ފަސް މީހުން މަރުވެއްޖެެއެވެ. މި ހާދިސާގައި 80 މީހުން ގެއްލިފައިވާ ކަމުގައި އެ ޤައުމުގެ ކޯސްޓްގާޑުން ހާމަކުރިއެވެ.

އަލިފާން ރޯވީ ޕަލަވާންގެ ކޮރޮންގެ އައްސޭރިފަށުން ދަތުރުކުރި 'އެމްވީ ޖޫން އެސްޓަރ' ކިޔާ ފެރީއެއްގައެވެ. އެ ޤައުމުގެ ކޯސްޓްގާޑުން ބުނީ، އަލިފާން ރޯވި ފެރީން 43 މީހުން ސަލާމަތް ކުރެވިފައިވާ ކަމުގައެވެ. ފެރީގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ކޯސްޓްގާޑުން ވަނީ ޢާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އުޅަނދުގެ ބޮޑު ބައެއްގައި ވަނީ އަލިފާން ހިފާފައެވެ. އަދި، މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި، 'ބޮޑީބޭގް' ތަކަށްލި މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ބުނީ، އަލިފާން ރޯވި ވަގުތު ފެރީގައި 117 ފަސިންޖަރުންނާއި 17 ފަޅުވެރިން ތިބި ކަމުގައެވެ. ކޯސްޓްގާޑުގެ ތަރުޖަމާނު ނޯމީ ކަޔާބްޔާބް ވިދާޅުވީ، މި ހާދިސާގައި 80 އެއްހާ މީހުން ގެއްލިފައިވާ ކަމަށް ބެލެވޭއިރު، މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެނުމުން، މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަލިފާން ރޯވި ޖޫން އެސްޓަރ ފެރީއަކީ، ވެރިރަށް މަނީލާގެ ބަސެކޯއިން ފުރައިގެން ކޮރޮންއަށް ދަތުރު ކުރަމުން ދިޔަ ފެރީއެކެވެ. އެ އުޅަނދުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައި ކަމާގުޅޭ އިދާރާތަކުން ހާމަކުރެއެވެ.