ޔުއޭފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގުގެ ފެށުން ސިޓީއިން ރަނގަޅު ކޮށްފިއެވެ.
2021 ވަނަ އަހަރުގެ ސީޒަންގެ ފައިނަލްގައި ޗެލްސީ އަތުން ބަލިވި މެޗު ކުޅުނު ލިޒްބަންގެ އެސްޓާޑިއޯ ޑޮ ގްރަގާއޮގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 2-0 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗުގައި ސިޓީން ޕޯޓޯގެ ގޯލަށް އަމާޒުކޮށް 10 ހަމަލާ ފޮނުވިއިރު ޕޯޓޯއަށް ސިޓީގެ ގޯލަށް އަމާޒު ކޮށް އެންމެ ހަމަލާއެއްވެސް ފޮނުވިފައެއް ނުވެއެވެ. އަދި މިމެޗުގައި ސިޓީއަށް އިތުރު ލަނޑުތަކެއް ނުޖެހުނީ ޕޯޓޯގެ ކީޕަރ ޑިއެގޯ ކޯސްޓާގެ ހުޝިޔާރު ކަމުންނެވެ. މިމެޗުގައި އޭނާވަނީ ސިޓީގެ ނުރައްކާތެރި ގިނަ ހަމަލާ ތަކެއް ދިފާއު ކޮށްފައެވެ.
ސިޓީއިން މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދުމާއެކުވެސް މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ޕޯޗުގަލް ލީގުގައި މިސީޒަންގައި މިހާތަނަށް ޕޯޓޯއިން ކުޅުނު 5 މެޗުވެސް ކާމިޔާބު ކޮށްފައިވީ ނަމަވެސް މިމެޗުގައި ޕޯޓޯއަށް ޖެހުނީ ގިނަ ވަގުތު ޑިފެންސަށް އިސްކަންދޭށެވެ. ޕޯޓޯއިން ވަނީ ދޭތެރެ ދޭތެރެއިން ސިޓީގެ ޑިފެންސް ހާސްކަމުގެ ތެރެއަށް ވައްޓާލައިފައެވެ.
މިމެޗުގައި ސިޓީން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ނުރައްކާތެރި ފޯވަޑް އާލިންގ ހާލަންޑެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ހާލަންޑް ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިޔާ ރަޔަން އައިޓް ނޫރީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ސިޓީއަށް ހާލަންޑް ކުޅެދިން 40 މެޗުގައި އޭނާ ޖެހި 36 ވަނަ ލަނޑެވެ.
މިކާމިޔާބީއާއެކު ސިޓީން ވަނީ ޗެމްޕިއަންސް ލީގުގެ އާސީޒަންގެ ލީގު ފޭސްގެ ފެށުން ރަނގަޅު ކޮށްފައެވެ. އަދި މިއާއެކު ޕޯޓޯއަށް ޔޫރަޕްގެ މުބާރާތް ތަކުގައި އިނގިރޭސި ޓީމު ތަކާއި ދެކޮޅަށް ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ ދެ ފަހަރަށެވެ.
މިމުބާރާތުގެ ލީގު ފޭސްގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ލީލް އާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3-2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބެޓިސްއެވެ. އަދި އާއީކޭ އެތެންސް އާއި ލަސްކް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 1-0 ލަނޑުން ކާމިޔާބު ކުރީ އެތެންސެވެ.