ޚަބަރު

ޒުވާން ޤައުމީ ޓީމަށް ވަޒީރު ހިތްވަރުދެއްވައިފި


  • ވަޒީރު ވަނީ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ކުރައްވާފައި

  • ވަޒީރު އެދިވަޑައިގަތީ ހިތްވަރު އައުކޮށް އިތުރު ކާމިޔާބީ ޤައުމަށް ގެނެސްދިނުމަށް

ރާއްޖޭގެ ޒުވާން ޤައުމީ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފިއެވެ.

މިޔަންމާގައި ތިބި ޒުވާން ކުޅުންތެރިންނަށް ވަޒީރު ހިތްވަރުދެއްވާފައިވަނީ ފޯނުން ގުޅުއްވައި ވާހަކަދައްކަވަމުންނެވެ. ކުޅުންތެރިންނަށް ހިތްވަރުދެއްވަމުން ވަޒީރުވަނީ މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގައި ޒުވާން ޤައުމީ ޓީމުގެ ކުޅުންތެރިން ދެއްކި މޮޅުކުޅުމަށް ތައުރީފު ކުރައްވާފައެވެ.

ޓީމުން ކުރި ހިތްވަރަށް ސާބަސް ދެއްވަމުން ވަޒީރު ކުޅުންތެރިންނަށް އިލްތިމާސްކުރެއްވީ، ކުރިއަށް އޮތް ކޮލިފައިން ފޭހަށް ނުކުންނައިރު އިތުރު ހިތްވަރެއްލާ ޤައުމަށާއި ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ކާމިޔާބީ ހޯދައިދިނުމަށެވެ. އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އުފާކުރައްވާކަމަށާއި، ޓީމެއްގެ ގޮތުގައި އަބަދުވެސް ހިތްވަރާއެކު އިތުރު ކާމިޔާބީތަކަށް މަސައްކަތްކުރުމަށް ވަޒީރުވަނީ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އެގޮތުން 2-0 އިން ބުރޫނާއީ ބަލިކޮށްފަވާއިރު، ސްރީލަންކާ 4-0 އިން ބަލިކޮށް ރާއްޖޭންވަނީ ކޮލިފައިންގެ ޖާގަ ޔަގީންކޮށްފައެވެ. ފަހު މެޗުގައި މިޔަންމާ އަތުން ބަލިވި ނަމަވެސް، ރާއްޖޭން ވަނީ މުބާރާތުގެ ޓާގެޓަށް ވާސިލްވެފައެވެ.

މިފަހަރުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހުނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގުރޫޕެއް އޮތެވެ. އެއިން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ވާދަކުރިއިރު ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރީ ޖުމްލަ 12 ޓީމެވެ. ރާއްޖެ ހިމެނުނީ ގްރޫޕް ކޭ ގައެވެ.

މިފަހަރުގެ ކޮލިފައިންގައި ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރި ޓީމުތަކުގެ ތެރެއިން 2029 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގް ފޭސްއަށް ޕްރޮމޯޓުވީ މި ތިން ގުރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި މިޔަންމާ ކޮލިފައިން ފޭސްއަށް ދަތުރުކުރިއިރު ރާއްޖެ ކޮލިފައިން ފޭސްއަށް ދިޔައީ ދެވަނައިގެ ގޮތުގައެވެ.

ޑިވެލޮޕްމަންޓް ފޭސްގައި ހިމެނޭ ގްރޫޕް "އައި" އިން، ދެން އަންނަ ކޮލިފައިން އެއްގައި ކޮލިފިކޭޝަން ފޭސް އިން ފުރުސަތު ހޯދީ އެއްވަނައިގެ ގޮތުގައި މޮންގޯލިއާ އަދި ދެވަނައިގެ ގޮތުގައި ގުއާމް އެވެ.

ޑިވެލޮޕްމަންޓް ފޭސްގައި ދެން ހިމެނޭ ގްރޫޕް "ޖޭ" އިން، ދެން އަންނަ ކޮލިފައިން އެއްގައި ކޮލިފިކޭޝަން ފޭސް އިން ފުރުސަތު ހޯދީ ޗައިނީޒް ޓައިޕެއި އަދި ސިންގަޕޫރެވެ.

މިފަހަރުގެ ކޮލިފައިންގައި ކޮލިފިކޭޝަން ފޭސްގައި ހިމެނުނު ގައުމުތަކުގެ ތެރެއިން، 2029 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި ޑިވެލޮޕްމަންޓް ފޭސްއަށް ރެލިގޭޓުވި ގައުމުތަކަކީ ފިލިޕީންސް، ބަންގްލަދޭޝް، ލާއޯސް، ހޮންގް ކޮންގް، ވިއެޓްނާމް އަދި ކެމްބޯޑިއާ އެވެ.