ޚަބަރު

ހއ. ދިއްދޫ ވޮލީކޯޓުގެ މަސައްކަތް ނިންމާލައިފި


  • އައު ކޯޓާއެކު ހުނަރުވެރި އެތުލީޓުންތަކެއް ރަށުގައި އުފެދޭނެ

  • މިއީ ރޭގަނޑުވެސް ކުޅެވޭގޮތަށް ތަރައްޤީކޮށްފައިވާ ޒަމާނީ ކޯޓެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ސަރުކާރުން މުޅިން އަލަށް ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސްދުވަހުން ނިންމާފައިވާ މަޝްރޫއެކެވެ.

ރޭގަނޑުގައިވެސް ކުޅެވޭނެ ގޮތަށް ލައިޓް ހަރުކޮށް އެންމެ ޒަމާނީ ފެންވަރަށް ދިއްދޫގައި ޤާއިމްވެގެންދިޔަ މި ވޮލީކޯޓަކީ ރަށުގެ ކުޅިވަރުގެ ކުރިމަގަށް ކޮށުނު މުހިންމު މަގެއްކަމަށް ރަށުގެ ކައުންސިލްގެ ރައީސް އުސްމާން ރަޝީދުވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

ދިއްދޫ ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރުމަށް ރާވާފައިވާ ސަރަހައްދުގައި އައު ކޯޓް އަޅާފައިވާއިރު، މިއީ ކުޅިވަރު ތަރައްޤީއިން ރަށަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ސިފަކުރެއްވިއެވެ. އަދި މިއީ ރަށުގެ ވޮލީ އާއިލާގެ ދުވަސްވީ އުންމީދެއް ހަގީގަތަކަށްވުންކަމަށާއި އައު ކޯޓާއެކު ފެންވަރު ރަނގަޅު މޮޅެތި އެތުލީޓުންތަކެއް ރަށުގައި އުފެދިގެންދާނެކަމަށް އުސްމާން ވިދާޅުވިއެވެ.

"އައު ކޯޓު މިހުންނަނީ ރަށުގެ ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ސަރަހައްދުގައި. މިއީ އެންމެ ރަނގަޅު ލޮކޭޝަން މިފަދަ ކޯޓަކަށް. މިރަށަކީ ކުޅިވަރުގައި ކާމިޔާބު ދިގު ތާރީޚެއް އޮތް ރަށެއް. އެހެންވީމަ ރަށުގެ ވޮލީ އާއިލާއަށް ލިބުނު މިއީ ބޮޑު ހިތްހަމަޖެހުމެއް" އުސްމާން ވިދާޅުވިއެވެ.

ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަ ދިއްދޫ ޒުވާނުން ވޮލީ ކުޅުމަށް މީގެ ކުރިން ބޭނުންކުރަމުން ދިޔައީ ޒުވާނުންގެ މަރުކަޒުގައި އޮންނަ އިންޑޯ ވޮލީކޯޓެވެ. އެހެންކަމުން ރަށުގައި އަލަށް ޤާއިމްވެގެންދިޔަ މި އައު އައުޓްޑޯ ކޯޓާއެކު، ޒުވާނުންނަށް ފުރިހަމަ ޒަމާނީ ވޮލީކޯޓެއް ލިބިގެން ހިނގައްޖެކަމަށާ، ރޭގަނޑު މެޗުތައް ކުޅެލުމުގެ ފުރުސަތުވެސް މިހާރު ފަހިވެއްޖެކަމަށް ކައުންސިލްގެ ރައީސް ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

އެމްޓީސީސީއިން މިހާރުވެސް އަންނަނީ ހއ. އަތޮޅުގެ 8 މަޝްރޫއެއްގެ މަސައްކަތްކުރަމުންނެވެ. އަދި އަތޮޅުގެ އިތުރު 6 މަޝްރޫއެއްގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.