ޚަބަރު

ގިނަ ޕޮލިސް އިމާރާތްތައް ޖޫންއަށް ނިންމައި، ޒަމާނީ ވަސީލަތާއި ދިމާލަށް


  • ފުލުހުންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި

  • ރަށްރަށުގައި ކުރިޔަށްދާ ގިނަ މަޝްރޫއުތައް އަންނަ ޖޫންމަހު ނިންމާލެވޭނެ

ސަރުކާރުން އިސްކަންދެއްވަނީ ފަހުގެ ވަސީލަތްތަކާއެކު ފުލުހުންގެ ބަހާތަކުގެ މަސައްކަތް ބައްޓަންކުރުމަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް އުމްރާނީ ވަސީލަތްތައް ޤާއިމުކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ. މިހާތަނަށް ފުލުހުންގެ ޚިދުމަތް އަމިއްލަ އިމާރާތެއްގައި ދެމުން އައީ މަދު ރަށެއްގައި ކަމަށާއި އަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ އެކަން ބަދަލުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ފުލުހުންގެ އަމިއްލަ އިމާރާތްތައް އެޅުމަށް ރަށްރަށުގައި ކުރިއަށްގެންދާ 154 މަޝްރޫއުގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އުމްރާނީ ވަސީލަތްތަކުގެ އިތުރުން ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ފަހުގެ ޓެކްނޮލޮޖީއާއި ތަމްރީންތައް ފުލުހުންނަށް ދިނުން މުހިންމު ކަމަށާއި ސަރުކާރުން މަސައްކަތް ކުރައްވަނީ އެ މަޤުސަދު ހާސިލު ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންޓަލިޖެންސްގެ ވަސީލަތްތަކާއި އަދި ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފުލުހުންގެ ޚިދުމަތްތަކުގެ ތެރެއިން ތަހުގީގާއި ފޮރެންސިކާ މިފަދަ މުހިންމު ބަހާތަކުގެ މަސައްކަތް ބައްޓަންވެގެން އައުމަކީ ވަރަށް މުހިންމު އިސްކަމެއްދެވިގެން ސަރުކާރުން ކުރަމުންގެންދާ ކަމެއް. އެހެންކަމުން ތިބޭފުޅުންނަށް މި ދާއިރާތަކުން ބޭނުންވާ އާލާތްތައް ހޯދުމާއި އަދި މިދާއިރާތަކުން ޚާއްސަ ތަމްރީންތައް ދުނިޔޭގެ އެކި ހިސާބުތަކުންނާއި ދިވެހިރާއްޖެން ދެވޭތޯ މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން މިއަދުގެ ވެރިންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވަނީ، ސަރުކާރުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުންދާއިރު އޭގެ ފައިދާ ނެގުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރައްޔިތުން ބޭނުންވާ ފެންވަރުގެ ޚިދުމަތް ދެވޭފަދަ ފުލުހަކަށްވުމަށް ކޮންމެ ފުލުހަކުވެސް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ފުލުހުން ކުރައްވާ މަސައްކަތުގައި އެ ފަރާތްތަކުގެ އާއިލާތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި ވަޒީރު އިޙްސާން ވަނީ، އެ ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.