އެފްއޭއެފް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ތ. އަތޮޅު މުބާރާތުގެ ފައިނަލްގެ ޖާގައެއް ތިމަރަފުށިން ހޯދައިފިއެވެ.
ރާއްޖޭގެ ފުޓްސަލްގައި ވަރުގަދަ ނަމެއްގެ ގޮތުގައި އޮތް ތިމަރަފުށިން މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ދެ މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދައިގެންނެވެ.
ތިމަރަފުށީގެ ފުރަތަމަ މެޗުގައި ވޭމަންޑޫއާ ދެކޮޅަށް ކުޅެ ވަނީ 3-7 އިން މޮޅުވެފައެވެ.
ތ. އަތޮޅުގެ ހުރިހާ މެޗެއް ވެސް ތިމަރަފުށީ ދަނޑުގައި ކުޅޭއިރު ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ރިމަރަފުށިން ކިނބިދޫގެ މައްޗަށް ކުރިހޯދީ 1-7 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ތިމަރަފުށީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗު ފަށައިގެން 11 މިނެޓުގެ ތެރޭގައި ތިމަރަފުށީގެ އިބްރާޙީމް އަސްވަދު ވަނީ ހެޓްރިކް ހަދާފައެވެ. އެގޮތުން އޭނާގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ އަށްވަނަ މިނެޓުގައެވެ. އަދި ހެޓްރިކް ފުރިހަމަކުރީ 11 ވަނަ މިނެޓުގައެވެ.
ތިމަރަފުށިން މި މެޗުގައި ދެން ޖެހި ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ނާސިހު އާއި އަޙްމަދު އަފްލާޒްގެ އިތުރުން އަލީ އިރުޝާން ނާސިރުއާއި އިސްމާއީލް މުނީޒެވެ.
މެޗުގައި ކިނބިދޫއިން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާޙީމް އިމްރާހުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ އާދަމް ނާސިހުއެވެ.
އެފްއޭއެމް ފުޓްސަލް އެޓޯޅް ޗެމްޕިއަންޝިޕުގައި ތ. އަތޮޅުން ބައިވެރިވީ ތިން ޓީމެވެ. އެހެންކަމުން މި އަތޮޅުގެ ޗެމްޕިއަން ކަނޑައަޅާނީ ތިން ޓީމު ވެސް އެއް ޓީމު އަނެއް ޓީމާ ކުޅެ، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެ ޓީމެއް ފައިނަލުގައި ކުޅެގެންނެވެ.
ތ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅޭނީ ހޯމަ ދުވަހުގެރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ވޭމަންޑޫއާއި ކިނބިދޫއެވެ.