މިދިޔަ މަހުފަހު ކޮޅު މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދިޔަ އައިޓީއެފް ޖޭ 30 މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފިލާވަޅުތަކެއް ލިބުނު މުބާރާތެއްކަމަށް ޤައުމީ ޓެނިސް ޓީމަށް އިރުޝާދުދެމުން އަންނަ ތަޖުރިބާކާރު ކޯޗު ޢަލީ ރިޒާ ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޤައުމީ ޓެނިސް ޓީމަށް ގިނަ ކުރިއެރުންތަކެއް ހޯދައިދެމުން އަންނަ އީރާނުގެ ކޯޗު ބުނީ ބައިނަލްއަޤްވާމީ މިފަދަ މުބާރާތްތަކުގައި ވާދަކޮށްލުމުގެ ފުރުސަތު ޖޫނިއާ އެތުލީޓުންނަށް ހޯދައިދިނުން ކޮންމެހެންވެސް މުހިންމުކަމަށެވެ. އަދި އެކަމަށްޓަކައި ޓޭމް އަށް ޝުކުރުއަދާކުރާކަމަށާ ރާއްޖޭގައި ނިމިގެންދިޔަ އައިޓީއެފް ޖޭ 30 މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު އަގުހުރި ފިލާވަޅެއްގެ ގޮތުގައި ކޯޗު ވަނީ ސިފަކޮށްފައެވެ.
"މިފަދަ މުބާރާތެއް ބޭއްވީތީ ޓެނިސް އެސޯސިއޭޝަނަށް ހިތުގެ އަޑިން ޝުކުރުއަދާކުރަން. އަހަރެން ގަބޫލުކުރާގޮތުގައި މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދިޔަ. އެތައް ބައިވަރު ހުނަރުތަކެއް ދަސްވެ، ދުނިޔޭގެ އެކި ހިސާބުތަކުން ވަރުގަދަ ކުޅުންތެރިންނާއެކު މެޗުތައް ކުޅެލަން ލިބިއްޖެ. މިފަދަ މުބާރާތްތަކަކީ ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ތަޖުރިބާތަކެއްކަމަށް އަހަރެން ދެކެން" ކޯޗު ރިޒާ ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން ވާދަކުރި މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފިލާވަޅުތަކެއް ލިބުނުކަން ކޯޗު ފާހަގަކުރިއެވެ. މި ފިލާވަޅުތަކަކީ ޖޫނިއާ އެތުލީޓުންގެ ކުރިއެރުމަށް ލިބުނު ވަރަށް މުހިންމު ފިލާވަޅުތަކެއްކަމަށް ކޯޗު ފާހަގަކުރިއެވެ.
"މިފަދަ މުބާރާތްތަކުގެ ސަބަބުން ލިބޭ ތަޖުރިބާތަކަށް ބަލާއިރު، އެކި ކަހަލަ ކޮންޑިޝަންތަކަށް ކުޅުންތެރިން ހޭނެން ދަސްވެގެންދޭ. އެކި ފެންވަރުގެ ކުޅުންތެރިންނާ ވާދަކޮށްލުމުގެ ހިތްވަރު ލިބިގެންދޭ. މީގެ އިތުރުން އެކި ކަހަލަ ކުޅުމުގެ ވައްޓަފާޅިތައް ތަޖުރިބާކޮށްލަން ލިބި އެކަންކަމަށްވެސް ފަރިތަވެގެންދާނެ" ކޯޗް ބުންޏެވެ.
ބައިނަލްއަޤްވާމީ ކުޅުންތެރިންނާއެކު ވާދަކޮށްލުމަކީ ކޮންމެ ކުޅުންތެރިއަކަށްވެސް އައު ކަންތައްތަކެއް ދަސްވެ، ކުޅުންތެރިން ތަރައްޤީވުމަށް ކޮށޭ މަގެއްކަމަށް ކޯޗު ބުންޏެވެ. ޖޫނިއާ ކުޅުންތެރިން ކުރިއަރާނީ މިފަދަ ތަޖުރިބާތަކުން ދަސްވާ ކަންކަމުގެ މައްޗަށް ބައްޓަންވެގެންކަމަށް ކޯޗު ވަނީ ބުނެފައެވެ.
"މިކަމުގެ ސަބަބުން ކުރިއަރަމުން އަންނަ ޖޫނިއާ އެތުލީޓުންނަށް ދަސްވެގެންދާނެ، އަމިއްލައަށް މައްސަލަތައް ހައްލުކޮށް، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަށް" ކޯޗް ރިޒާ ބުންޏެވެ.
މިދިޔަމަހުގެ ފަހު ކޮޅު ނިމުނު މުބާރާތާ ރާއްޖެއިން ކުރިމަތިލީ އަނިޔާގެ މައްސަލަތަކާ ހެދި، މުހިންމު ތަރިންތަކެއް ނުލާކަން ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށާ، އެކުދިން ކުރި ހިތްވަރަށް ސާބަސް ހައްގުކަމަށް ކޯޗު ބުންޏެވެ.
އަދި ކުރިއަށްއޮތްތަނުގައި މިފަދަ މުބާރާތްތަކުގައި ވާދަކުރާނަމަ ދުރާލާ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް، އިތުރަށް ތައްޔާރުވުމަށް ކޯޗުވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ނަސޭހަތްތެރިވެފައެވެ.
"މުހިންމު ހަތަރު ކުޅުންތެރިން ނުލައި ރާއްޖެއިން މުބާރާތުގައި ވާދަކުރީ. އެހެންނަމަވެސް މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ. ވަރަށް ހިތްވަރުކުރިތަން ފެނުނު. އަދި މިހާރަށްވުރެ ރަނގަޅަށް ޕްރެކްޓިސްކޮށްލާފަ މިފަދަ މުބާރާތްތަކަށް ނުކުތުން މުހިންމުކަމަށް ދެކެން. އެހެންނަމަވެސް ޖުމްލަކޮށް ބުނާނަމަ ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން ހަމަ ރަނގަޅު" ކޯޗު ބުންޏެވެ.
14 އަހަރާ 18 އަހަރާ ދެމެދުގެ ކުދިން ވާދަކުރި މިމުބާރާތް ކުރިއަށް ދިޔައީ ދެ މުބާރާތެއް ހިމެނޭގޮތަށެވެ. މިމުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންވެސް ވާދަކޮށްފަވާއިރު، ރާއްޖޭގެ އާއިޝަތު ކަރިން ސައިޒާން ވަނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކާ ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައެވެ. ފުރަތަމަ ހަފްތާގެ ކުއާޓާގައި ކަރިން ވާދަކުރިއިރު، ދެވަނަ ހަފްތާގެ ޑަބަލްސް އިވެންޓުން ކަރިންގެ ޕެއާ ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ މިމުބާރާތުގައި އޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިންވަނީ ވާދަކޮށްފައެވެ.