ޚަބަރު

ހައްޖަށްދާ މީހުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށަނީ!


މޯލްޑިވްސް ހައްޖު ކޯޕޮރޭޝަން މެދުވެރިކޮށް ހައްޖަށްދާ މީހުންނާއި އެކުންފުނީގެ މުވައްޒިފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް އިސްލާމީ ޔުނިވަރސިޓީގައި ހިންގަން މަސައްކަތް ކުރައްވަމުންދާކަމަށް ހައްޖު ކޯޕޮރޭޝަނުގެ މެނޭޖިން ޑިރެކްޓަރ، ޔާމީން އިދްރީސް ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ "މުވައްޒަފުންގެ ސްކީމް"ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ބައިވެރިވެ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސްލަރ، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް، ޢަލީ ރަޝީދެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޔާމީން އިދްރީސެވެ. މިކަމަށްޓަކައި މިއަދު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ހައްޖަށް ދާން ބޭނުންވާ މީހުންނަށް ވީހައި އަވަހަކަށް އެކަމުގެ ފުރުސަތު ފަހިކޮށްދީ ހައްޖުގެ މަތިވެތި އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުން ކަމަށެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕޮރޭޝަން މެދުވެރިކޮށް ހައްޖަށްދާ މީހުންނާއި އެކުންފުނީގެ މުވައްޒިފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް އިސްލާމީ ޔުނިވަރސިޓީގައި ހިންގަން މަސައްކަތް ކުރައްވަމުންދާކަމަށްވެސް ޔާމީން ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސްލަރ، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޢަލީ ރަޝީދު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއިން އުއްމީދުކުރަނީ ވީހާވެސް ގިނަ މުވައްޒަފުން މި ސްކީމްގައި ބައިވެރިވެ، ހައްޖު އަދި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުންކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދަވާ މި ސްކީމަކީ،  ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ދަޢުލަތުގެ އިދާރާތަކުގެ އިތުރުން، ސަރުކާރުގެ މިނިސްޓްރީތަކުގައި ވަޒީފާ އަދާކުރާ ފަރާތަތަކަށް، އެފަރާތްތަކުގެ މުސާރައިން ކަނޑައެޅިފައިވާ ވަކި މިންވަރެއް، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި މުވައްޒަފު ވަޒީފާ އަދާކުރާ ކުންފުންޏެއް ނުވަތަ އިދާރާއެއް މެދުވެރިކޮށް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރަމުންގޮސް، ޙައްޖުގެ ދަތުރަށްވާ ފައިސާ އެއްކޮށް އަދާކޮށް ނިންމުމުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގާ ސްކީމެކެވެ.