ޚަބަރު

ޤާނޫނަށް ގެނައި އިސްލާހާއެކު މަސްވެރިކަން އިތުރު ހަރުފަތަކަށް


  • ޤާނޫނަށް ގެނެވުނު އިސްލާޙުތައް ރައީސް ވަނީ ތަސްދީގުކުރައްވާފައި

  • ސްޕޯޓްސް ފިޝިންގ ބަނދަރުތައް ހެދޭނެ ޚާއްސަ އުސޫލުތަކެއް

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބަކީ އަދި ދިވެހިންގެ ލެޔާ ގުޅިފައިވާ އެންމެ ޒަމާންވީ ސިނާޢަތަކީ މަސްވެރިކަމެވެ. އެހެންނަމަވެސް، ޒަމާނުއްސުރެ މަސްވެރިން އުފުލަމުން އައި ތަކުލީފުތަކާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން މި ސިނާޢަތު އޮތީ އަނދަވަޅެއްގައެވެ. މި ހާލަތު ބަދަލުކޮށް، ދިވެހި މަސްވެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، ސިނާޢަތް ޒަމާނީ އިޤްތިޞާދީ މޮޑެލްއަކަށް ފެއްތުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް މިވަނީ އަޅަން ފަށާފައެވެ.

މި މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު މުހިންމު އިސްލާޙުތަކަކީ މި ދާއިރާއަށް އައު ދިރުމެއް ގެނެސްދޭނެ ތާރީޚީ ބަދަލެކެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ހުށަހެޅި މިބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބިލު ތަޞްދީޤު ކުރައްވާފައެވެ.

ސިނާޢަތް ނަގާ ކޮޅަށްޖެހުމުގެ ވަރުގަދަ ޢަޒުމެއް

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަޞްދީޤުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ޤާނޫނަށް ގެނައި އިސްލާޙުތަކާއެކު، މަސްވެރި ސިނާޢަތް އޮތް އަނދަވަޅުން ނަގައި ކޮޅަށްޖަހައި، މަސްވެރިންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި އިޤްތިޞާދީ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ގާނޫނަށް މިގެނައި އިސްލާހުގެ ސަބަބުން ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ބަނދަރުތައް ގާއިމްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްޕޯޓްސް ފިޝިންގ އާއި އެބާވާތުގެ ކަންކަމަށް ބަނދަރުތައް ހެދުމާ މިކަންކަމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ސްޕޯޓްސް ފިޝިންގ ހާރބަރސް ހަދާ ވާހަކަ. ދެން އެހެންނަމަވެސް، ޤާނޫނު އޮތްގޮތުން އެއީކީ ކުރެވޭ ކަމަކަށް ނުއެއްވޭ. އެހެންވީމާ، އިޞްލާޙު މި ގެނެވުނީ. ކުރުގޮތަކަށް ދަންނަވަންޏާ، ސްޕޯޓްސް ފިޝިންގއާއި އަދި އެކިކަހަލަ ކަންކަމަށް. ބަނދަރުތައް ހެދުމާއި، އެކިކަހަލަ އިންވެސްޓްމަންޓްތައް. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި އޮތް ކަމެއް. އަޅުގަނޑުމެން އެކަމަށް އެކި ތަންތަން ކަނޑަވެސްއަޅާފައި އޮތް ކަމެއް. އެހެންނަމަވެސް، ޤާނޫނުން އެކަމަށް ފުރުޞަތު ނުލިބޭތީ، ކުރިއަށް ނުގެންދެވިފައި، ވަޢުދު ނުފުއްދިފައި އޮތް ކަމެއް އެކަމަކީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްޕޯޓްސް ފިޝިންގ އާއި ޚާއްޞަ ބަނދަރުތައް: އިޤްތިޞާދީ އައު އުންމީދެއް

މި އިސްލާޙުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ މުނިފޫހިފިލުވުމުގެ ގޮތުންކުރާ މަސްވެރިކަން ނުވަތަ ސްޕޯޓްސް ފިޝިންގ ފުޅާކުރުމަށް މަގުފަހިވެގެން ދިއުމެވެ. އެގޮތުން މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކުގެ ބޭނުމަށްޓަކައި ޚާއްޞަ ބަނދަރުތައް ނުވަތަ ސްޕޯޓްސް ފިޝިންގ ހާރބަރުތައް ތަރައްޤީކޮށް ހިންގުމާ ބެހޭ ޤާނޫނީ އޮނިގަނޑެއް މި ގާނޫނުގެ ތެރެއިން މިވަނީ ތަޢާރަފުވެފައެވެ.

މި އޮނިގަނޑުގައި ސްޕޯޓްސް ފިޝިންގ ހާރބަރުތަކުގައި އުޅަނދުފަހަރު ބަނދަރުކުރުމާއި ސަރވިސްކުރުމުގެ ޚިދުމަތާއި، މަސް ކިރުވުމާއި ޕްރޮސެސްކުރުމުގެ ޚިދުމަތް، އަދި މަސްވެރިކަމުގެ ޙަރަކާތްތަކަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ސާމާނު ވިއްކުމުގެ ހުއްދަ ދޭންޖެހޭނެ ގޮތަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މިފަދަ ފެސިލިޓީތައް ޤާއިމުކުރުމުގެ ޤާނޫނީ ހުއްދަ ކަމާބެހޭ ވުޒާރާއަށް ލިބިގެންދާއިރު، މިކަމުގެ ސަބަބުން ފަތުރުވެރިންނަށާއި ޢާންމު ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ މާޙައުލެއްގައި މި ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެ، ފަތުރުވެރިކަމަށާއި މުޅި އިޤްތިޞާދަށް އިންގިލާބީ ކުރިއެރުމެއް ލިބޭނެއެވެ.

ޤާނޫނު ތަންފީޛުކުރުމާއި ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުން

މި އިސްލާޙުތަކުގެ އަނެއް މުހިންމު ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ޙަރަކާތްތެރިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކުރުމެވެ. އެގޮތުން ގާނޫނަށް މިގެނައި އިސްލާހުގައިވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު މަސްވެރިކަމާބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. ނަމަވެސް، ޤުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުން ޙިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

މިގޮތުން ޤާނޫނު ތަންފީޛުކުރުމަށް ކަނޑައަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކޮށްފިނަމަ 500,000 (ފަސްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމާއި، ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތެއް ރާއްޖެއިން ބޭރުކޮށްފިނަމަ 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި ޤާނޫނާ ޚިލާފުވާ ބޭރުގެ އުޅަނދުފަހަރާމެދު، އެ އުޅަނދެއް ނިސްބަތްވާ ޤައުމަކަށް ބަލައި އިދާރީ ފިޔަވަޅު އެޅުމުގެ ސާފު އުސޫލުތަކެއްވެސް ވަނީ އެކަށައަޅާފައެވެ.

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު މި ބަދަލުތަކަކީ ދިވެހި މަސްވެރިކަމުގެ ދާއިރާ ޒަމާނާ އެއްގޮތަށް ބައްޓަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް އެޅުނު މުހިންމު ބިންގަލެއްގެ ގޮތުގައި މަސްވެރިކަމާބެހޭ ވުޒާރާއިން ދަނީ ފާހަގަކުރަމުންނެވެ. އަދި މިއީ ސިނާޢަތުގެ ބައިވެރިންނަށް އައު އިންވެސްޓްމަންޓްތަކުގެ ދޮރު ހުޅުވާލަދީ، ޤާނޫނު ތަންފީޛުކުރުމުގެ ބާރު ވަރުގަދަކޮށް، އެންމެ ފަހު ނަތީޖާއެއްގެ ގޮތުން ދިވެހި މަސްވެރިޔާއަށް އޭނާގެ ބުރަ މަސައްކަތުގެ ޙައްޤު މިންވަރު ކަށަވަރުކޮށްދޭނެ އުންމީދީ ފެށުމެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރުންވެސް ދަނީ ފާހަގަކުރަމުންނެވެ.