ޚަބަރު

އިންތިޚާބަށް ކުށުގެ ރެކޯޑް ސާފުކުރުމަށް ލުއި ގޮތްތަކެއް


ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައަޅާ ފަރާތްތަކުގެ ތެރެއިން ކުށުގެ ރެކޯޑް ސާފުކުރުމުގައި ލުއި ފަސޭހަކޮށްދެއްވުމުގެ ގޮތުން ރޭގަނޑު 8 ޖަހަންދެން ހައިކޯޓްގެ ކައުންޓަރުތައް ހުޅުއްވާފައި ބަހައްޓަވާގޮތަށް ހަމަޖައްސަވައިފިއެވެ.

ހައިކޯޓުން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އެކޯޓްގެ ކައުންޓަރުތައް ރޭގަނޑު 8 ޖަހަންދެން ފޯމް ބަލައިގަންނަވަމުން ގެންދަވާކަމަށެވެ. މީގެ އިތުރުން ހޮނިހިރުދުވަހު ހެނދުނު 10 އަކުން ހަވީރު 4 ޖަހަންދެން ހައިކޯޓުގެ ކައުންޓަރުތައް ހުޅުވިފައި ހުންނާނެކަމަށްވެސް އެކޯޓުން މައުލޫމާތުދެއްވައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމަށް ގެންނަ ފޯމްތައް ބަލައިގަނެ އެ ފޯމްތައް ދުވަހުން ދުވަހަށް ދޫކުރުމުގެ  މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ހައިކޯޓުން މައުލޫމާތުދެއްވައެވެ. 

ދުއިސައްތަ ކައުންސިލަކަށް 653 ކައުންސިލަރުން އިންތިޚާބުކުރުމަށް ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 14 ވަނަދުވަހުއެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ފޯމް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ ފަނަރަވަނަދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައްވާފައެވެ.