ޚަބަރު

މިފްކޯގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުﷲ ފާއިޒު


  • ފަތުރުވެރިކަމުގެ ދާއިރާގައި 30އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ

  • ދައުލަތުގެ އަދި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ޗެއަރޕާސަން ކަމަށް ޢަބްދުﷲ ފާއިޒު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޗެއަރޕާސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މއ. ދޭލިޔާގެ ޢަބްދުﷲ ފާއިޒު އައްޔަންކުރައްވާފައިވާ ކަމަށެވެ.

މިފްކޯގެ ޗެއަރޕާސަން ކަމަށް މިއަދު އައްޔަންކުރެއްވި ޢަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ 30 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ޗެއަރމަން ކަމުގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ބޯޑުގެ ޗެއަރމަންކަން ފާއިޒު ވަނީ ކުރައްވާފައެވެ.

ވިޔަފާރީގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިޒު ވަނީ ދައުލަތުގެ އަދި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. މީގެތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ޑިރެކްޓަރ ޓު ދަ ޗެއަރމަންކަމާއި، ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިން އެންޑް ޕްރޮމޯޝަންސްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލްކަން ހިމެނެއެވެ. އަދި ހޮސްޕިޓަލިޓީ، ލޮޖިސްޓިކްސް، ކޭޓަރިންގެ އިތުރުން އިންވެސްޓްމަންޓް ދާއިރާގެ އިސް މަގާމުތައްވެސް ފާއިޒު ވަނީ ފުރުއްވާފައެވެ.

ފާއިޒަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް، މަސީ އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ އިތުރުން، 2001 ވަނަ އަހަރުން ފެށިގެން ސާކް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ ގޮތުގައި ހުންނެވުމުގެ އިތުރުން، އެ ޖަމްޢިއްޔާގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވެއެވެ.

ޢަބްދުﷲ ފާއިޒު ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެމްބީއޭ ހާސިލުކުރައްވާފައެވެ.