ޚަބަރު

"މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއްނުވާނެ"


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަޞީޙް މުޙައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓު، އިދިކޮޅު ފަރާތަކަށް މަޖިލީހުގައި ކާމިޔާބު ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙުމަދު ނިޙާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިޙާން ވިދާޅުވީ، މީގެ ކުރިންވެސް އިދިކޮޅު އެމް.ޑީ.ޕީން އިސްވެ ބައެއް ފަރާތްތަކުގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް މަސައްކަތް ކުރެއްވިކަމަށާއި، އެއީ މަޖިލީހުގެ އަގުހުރި ވަގުތު ބޭކާރުކޮށްލުމަށް ކުރައްވަމުންގެންދަވާ މަސައްކަތެއްކަމަށެވެ.

ޕީ.ޕީ.އެމްގެ މަދު މެންބަރުންތަކެއް ޕާޓީން ބޭރުވެގެން މަޖިލިސްތެރޭގައި ކުރާ މަސައްކަތެއްގެ ސަބަބުން މަޖިލީހުގައި ޕީ.ޕީ.އެމް އަށް ލިބިފައިވާ މެޖޯރިޓީއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ނިހާން ވިދާޅުވިއެވެ. އެހެން ނަމަވެސް އިދިކޮޅު ހުރިހާ މެންބަރުން ކޯލިޝަނެއްގެ ގޮތުގައި މަޖިލިސްތެރޭގައި މަސައްކަތް ކުރަން ނިންމައި އެގޮތަށް މަސައްކަތްކޮށްފިނަމަ ކުރެވޭނެހާވެސް ކަމަކީ ކުއްލި މައްސަލަތައް ވެއްދުމާއި، އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުންކަމަށް ނިހާން ވިދާޅުވިއެވެ. މިއާއެކުވެސް މިހާރު މިއޮތް ހާލަތުން އެކަންކަން ކާމިޔާބު ނުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ނިހާން ވިދާޅުވިއެވެ.