ޚަބަރު

އައްޑޫއަށް ދިޔަ ބޯޓަކުން 2.2 ކިލޯ މަސްތުވާތަކެތި ހޯދައިފި


މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން އައްޑޫ ސިިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަަމަށް ޝައްކުރެވޭ 2.2 ކިލޯގްރާމް ތަކެތި ކަނޑު މަގުން އައްޑޫ އަށް ދިޔަ ބޯޓަކުން ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިބޯޓު މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އިންޑިޔާގެ ޓުޓިކުރަމް ބަނދަރުން ފުރައިން އައްޑޫ ސިޓީ ހިތަދޫ ސަރައްދީ ބަނދަރަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތިން ހުއްޓުވުމަށްފަހުކަމަށެވެ. 

ފާރަގެމައާއެކު ފުލުހުން އެބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 2.2 ކިލޯގެ ތަކެތި ފެނިފައިވަނީ އެބޯޓުގެ ކޮޓަރިއެއްގެ ތެރެއިންކަމަށާއި، ނަމަވެސް މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިބޯޓަކީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓެއްކަމެއް ފުލުހުން ހާމައެއްނުކުރައްވައެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަހްޤީޤްކުރަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.