ޚަބަރު

ބާކޯލާ ހޯދުމަށް ލިވަޕޫލުން ކުރި ދިގު އިންތިޒާރު ނިމުމަކަށް


  • ލިވަޕޫލުން ބާކޯލާގެ ގަތީ 123 މިލިއަން ޕައުންޑަށް

  • ބާކޯލާ ވަނީ ލިވަޕޫލާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައި

ފްރެންޗް ލީގު އާންގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިންއަށް ކުޅެމުންދިޔަ ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ބްރެޑްލީ ބާކޯލާ ހޯދުމަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލުން ކުރަމުުންދިޔަ ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ބާކޯލާވަނީ 123 މިލިއަން ޕައުންޑްގެ އަގުކުރި އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް މިއަދު ސޮއިކޮށްފައެވެ. ޕީއެސްޖީއިން ބާކޯލާގެ އަގު 145 މިލިއަން ޕައުންޑު ކަމަށް ކުރިން ނިންމި ނަމަވެސް ގިނަ ދުވަސް ތަކެއްގެ މަޝްވަރާތަކަށްފަހު މިއަދު މިވަނީ އަގު ތިރިވެގެން ގޮސްފައެވެ. މިގޮތުން މިހާރު ލިވަޕޫލުން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ 106 މިލިއަން ޕައުންޑެވެ. އަދި އިތުރު ބައިތަކުގެ ގޮތުގައި 17 މިލިއަން ޕައުންޑް ދިނުމަށްވެސް އެއްބަސްވެފައިވެއެވެ.

ބާކޯލާވަނީ ލިވަޕޫލާއެކު 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއާއެކު އޭނާ ވެފައިވަނީ މިސީޒަންގައި އެޓީމާއި ގުޅުނު 5 ވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ލިވަޕޫލުންވަނީ ވިކްޓަރ މުނޯޒް، ޖެރެމީ ޖެކުއޭ، ރޮނާލްޑް އަރައުހޯ އަދި އިފެއަންޔީ އެންޑުކްވޭ އެޓީމަށް ގެންގޮސްފައެވެ.

ލިވަޕޫލަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ބާކޯލާ ބުނީ ލިވަޕޫލަށް ބަދަލުވުމުގެ ކަންތަކަށް ގިނަ ދުވަސް ނަަގައިފި ކަމަށާއި ނަމަވެސް ލިވަޕޫލަށް ކުޅެވޭތީ މިހާރު ވަރަށް އުފާވާކަމަށެވެ. އަދި މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ކުޅުމަށް ދަނޑުމައްޗަށް އަރަން ކަމަށެވެ.

އޭނާ ބުނީ ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށާއި ލިވަޕޫލާއިއެކު ގިނަ ކާމިޔާބީތަކެއް ހާސިލް ކުރުމަށް އޭނާ އުންމީދު ކުރާކަމަށެވެ. އަދި ލިވަޕޫލާއި އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރީވެސް އެކަން ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ބާކޯލާ ބުންޏެވެ.

މިދިޔަ ސީޒަންގައި ބާކޯލާވަނީ ޕީއެސްޖީއަށް ކުޅުނު 49 މެޗުގައި 13 ލަނޑު ޖަހައިދީ 7 އެސިސްޓް ކޮށްފައެވެ. އަދި މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ފަރަންސޭސިވިލާތުން ކުޅުނު 8 މެޗުގައިވެސް ބާކޯލާވަނީ ކުޅެ 3 ލަނޑުވެސް ޖަހައިފައެވެ. ބާކޯލާ ޕީއެސްޖީއާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ލިއޯންއިން 38.5 މިލިއަން ޕައުންޑުގެ އަގަކަަށެވެ.

އާންމުކޮށް ވައާތު ވިންގަށް ކުޅޭ ބާކޯލާ އޭނާގެ އުމުރުން 17 އަހަރު ވަންދެން ކުޅެފައިވަނީ ފޯވަޑަކަށެވެ. އޭނާވަނީ ޕީއެސްޖީ އާއެކު ޗެމްޕިއަންސް ލީގު ދެފަހަރު، ލީގު އާން 3 ފަހަރު، ފްރެންޗް ކަޕް 2 ފަހަރު އަަދި ޔުއޭފާ ސުޕަރ ކަޕާއި ފީފާ އިންޓަރކޮންޓިނެންޓަލް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ބާކޯލާ ލިވަޕޫލާއި ގުޅުމުން މިދިޔަ ސީޒަނަށްފަހު ޓީމު ދޫކޮށްދިޔަ ތަޖްރިބާކާރު ކުޅުންތެރިޔާ މުހަންމަދު ސަލާހް ނެތް ތަނުގެ އިތުރުން ހޫގޯ އެކެޓީކޭ ނެތްތަން ފޫބެއްދުމުގައި ބޮޑުބައެއް އަދާކުރާނެއެވެ.