ޚަބަރު

"އަމާޒަކީ ބައިނަލްއަޤުވާމީ ގޮތުން އައިސީއައިއޭ ފުޅާކުރުން"


  • އައިސީއައިއޭގައި އެކި ދާއިރާތަކުން ރިސާޗް ޕޭޕަރުތައް ހުށަހަޅާފައިވޭ

  • މިއީ 2016އިން ފެށިގެން ކުރިޔަށްގެންދާ މަހާސިންތާއެއް

އަމާޒަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއިން ކުރިޔަށްގެންދާ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ބައިނަލްއަޤުވާމީ ގޮތުން ފުޅާކުރުން ކަމަށް އައިޔޫއެމްގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މަރިޔަމް ޝަރީފާ ވިދާޅުވެއްޖެއެވެ.

ޝަރީފާ މިހެން ވިދާޅުވީ، "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަރލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) މަހާސިންތާ ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢިލްމުވެރިން ބައިވެރިވި މި މަހާސިންތާގައި އެކި ދާއިރާތަކުން ބައިވެރިންނަށް ތަފާތު މަޢުލޫމާތުތައް ޙިއްސާކޮށްފައިވާ ކަމަށެވެ. އަހަރަކަށްވުރެ އަހަރެއް އައިސީއައިގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އައިސީއައިއޭއަކީ މަޢުލޫމާތުގެ ގޮތުން މުއްސަނދި ކޮންފަރެންސަކަށް ހެދުމަކީ ތަޞައްވުރެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަނގަޅު އަޒުމަކާއިއެކު ފާއިތުވި އަހަރުތަކުގައި ކުރި މަސައްކަތުގެ ސަބަބުން މި މަހާސިންތާއަކީ އާއްމުން ބަލައިގަންނަ ކޮންފަރެންސްއަކަށް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މަސައްކަތްކުރަނީ މަސައްކަތްތައް ފުޅާކޮށް، އައިސީއައިއޭގެ ފެންވަރު ރަނގަޅު ކުރުމަށް. އަހަރަކަށްވުރެ އަހަރެއް ކޮންފަރެންސް ކުރިއެރުވުމަށް." އެސިސްޓެންޓް ޕްރޮފެސަރ ޑރ.މަރިޔަމް ޝަރީފާ ވިދާޅުވިއެވެ.

މި ކޮންފަރެންސަކީ ވީހާވެސް ފުޅާދާއިރާއެއްގައި ޢިލްމު ހޯދައިދިނުމަށް ފުރުސަތުތައް ފަހިކޮށްދީ، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް، އައިސީއައިއޭއަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަނުން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ މަހާސިންތާއެކެވެ. މި ކޮންފަރެންސް މިއަހަރު ބާއްވާފައިވަނީ، މި މަހުގެ 30އިން 31އަށެވެ.

މިކޮންފަރެންސްގައި އެކި ދާއިރާތަކުން ރިސާޗް ޕޭޕަރތައް ހުށަހަޅާފައިވާއިރު، ބައިވެރިންނަށް އެކި ދާއިރާތަކުން އެވޯޑް ދީފައިވެއެވެ. އޭގެތެރޭގައި
ފުލް ޕޭޕަރ ކެޓަގަރީން އެންމެ ރަނގަޅު ދިރާސާ ކަރުދާހަށް ދޭ އެވޯޑާއި، މަހާސިންތާގައި ހުށަހަޅައިދޭ އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުމަށް ދޭ އެވޯޑް އަދި އައިޔޫއެމް ޑީންސް ރިސާޗް އެޑްވޮކަސީ އެވޯޑު ފާހަގަކޮށްލެވެއެވެ.

އައިސީއައިއޭ މަހާސިންތާގެ މަޤުސަދަކީ ޢިލްމީ މާހިރުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ދަރިވަރުންނާއި، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ އިތުރުން ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ހުޅުވާލާފައިވާ ފާޑުކިޔުންތެރި އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމެވެ. އަދި ޢިލްމު ބަދަލުކުރުމުގެ ތެރެއިން އުނގެނޭ މުޖުތަމައުތަކެއް އުފެއްދުމަށް ބޭނުންވާ ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު މި މަހާސިންތާގެ ތެރެއިން ފަހިކޮށްދެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޢިލްމު ކުރިއަރުވައި ފުޅާކުރުމާއި، ރާއްޖެއާއި ރާއްޖޭން ބޭރުގެ މުޖުތަމައުތަކަށް ޢިލްމު ފޯރުކޮށްދިނުމަކީ، އެ ޔުނިވަރސިޓީގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. އިސްލާމިކް ޔުނިވަރސިޓީން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ، ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ މިމަހާސިންތާ މެދުވެރިކޮށް، ޢިލްމު ހިއްސާކުރުމާއި އުނގެނޭ މުޖުތަމައުތަކެއް ބިނާކުރުމުގެ ޒިންމާ އަދާކުރުމަށެވެ.

މި މަހާސިންތާއަކީ، 2016 ވަނަ އަހަރުން ފެށިގެން ކުރިޔަށްގެންދާ މަހާސިންތާއެކެވެ. ފުރަތަމަ ތިން އަހަރު މި މަހާސިންތާ ބާއްވާފައިވަނީ، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އަވޭކެނިންގ"ގެ ނަމުގައެވެ. ނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން މި މަހާސިންތާގެ ނަން ވަނީ، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް"ގެ ނަމަށް ބަދަލުކޮށްފައެވެ.