އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ބީޗް ވޮލީބޯލް ޓީމު އޮތީ މުބާރާތަށް ތައްޔާރަށްކަމަށާއި ސަޕޯޓަރުންގެ ހެޔޮ ދުޢާ ޓީމާއެކު ވާނެކަމަށް އުންމީދުކުރާކަމަށް ބީޗް ވޮލީ ޓީމުގެ މުހިންމު ކުޅުންތެރިޔާ އާދަމް ނަސީމް ބުނެފިއެވެ.
އަންނަ މަހުގެ 19އިން އޮކްޓޯބަރުމަހުގެ 4އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ކުޑަތަންވަމުން އަންނައިރު، ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން "ޕީއެސްއެމް ނިއުސް"އާ ވާހަކަދައްކަމުން ނަސީމް ބުނީ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރުމަށް ވާންޖެހޭ ތައްޔާރީތައް ދުރާލާ ފެށިކަމަށެވެ.
އެގޮތުން މުބާރާތް އޮތްކަން އެނގުމާއެކު މެދުކެނޑުމެއްނެތި ފަރިތަކުރަމުން އަންނަކަމަށެވެ. އެގޮތުން ހެނދުނު ޖިމްގައި ހަދާ ޓްރޭނިންތަކަށްފަހު ޕްރެކްޓިސް ސެޝަންތައް ކުރިއަށްގެންދަނީ ހަވީރުކަމަށް އޭނާ ބުންޏެވެ.
"އޭޝިއަން ގޭމްސް އޮންނަކަން އެނގުނީއްސުރެ މެދު ނުކެނޑި އިރާދަކުރެއްވިއްޔާ ފަރިތަކުރުންތައް ކުރިއަށް މި ގެންދަނީ. ޕްރެކްޓިސްތައް ރާވާފައިވާ ގޮތަކީ އެއްބައިދުވަސް ދުވަހު ހެނދުނު ޖިމް ދެން ހަވީރު ޕްރެކްޓިސް" ނަސީމް ބުންޏެވެ.
މީގެ ކުރިންވެސް އޭޝިއަން ގޭމްސްގައި ޤައުމު ތަމްސިލުކޮށްފައިވާ ކުޅުންތެރިޔާ މި މުބާރާތް ސިފަކުރީ ވަރުގަދަ މުބާރާތެއްގެ ގޮތުގައެވެ. ބީޗް ވޮލީގައި 32 ޓީމު މުބާރާތުގައި ވާދަކުރާއިރު، އޭގެ ތެރެއިން ކޮންމެ ޤައުމަކުން ވާދަކުރާ ޓީމުތަކަކީވެސް ވަރުގަދަ ޓީމުތަކެއްކަން އޭނާ ފާހަގަކުރިއެވެ. މުބާރާތާ ކުރިމަތިލާން ތައްޔާރުވާއިރު، ރާއްޖޭގެ ޓީމުގެ އަމާޒަކީ މަދުވެގެން ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ވަރުގަދަ ފައިޓެއްދީ މެޗު ކާމިޔާބުކުރުންކަމަށް ތަޖުރިބާކާރު ކުޅުންތެރިޔާ ބުންޏެވެ.
"އޭޝިއަން ގޭމްސްއަކީ އަޅުގަނޑުމެން ކުޅޭ މުބާރާތްތަކުގެ ތެރެއިން ފުދޭވަރަކަށް ވަރުގަދަ މުބާރާތެއް. 32 ޓީމު އެބައޮތް. އޭޝިއާގެ އެންމެ ވަރުގަދަ ޓީމުތައް އޮންނާނީ. މިބަލަނީ ވީހާވެސް ރަނގަޅު ފައިޓެއްދީ އިރާދަކުރެއްވިއްޔާ ގްރޫޕްގެ ދެ މެޗެއްވަރު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރެވޭތޯ" ނަސީމް ބުންޏެވެ.
ބީޗް ވޮލީގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކުޅުންތެރިޔާ ބުނީ މީގެ ކުރިންވެސް އޭޝިއަން ގޭމްސްގައި ވާދަކޮށްފަވާއިރު، ނެރެވިފައިވާ ނަތީޖާތަކާމެދު ހިތްހަމަޖެހޭކަމަށެވެ. އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތި ރާއްޖޭގެ ކުޅުންތެރިންވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ހިތްވަރުކޮށް، މޮޅު ކުޅުމެއް ދައްކާފަކަމަށް ނަސީމް ބުނެފަވެއެވެ.
"އަޅުގަނޑުމެން މީގެ ކުރިންވެސް އޭޝިއަން ގޭމްސްގައި ބައިވެރިވިން. ފުދޭވަރަކަށް ރަނގަޅު ނަތީޖާތައް ހުންނާނެ ހޯދާފަ އޭޝިއަން ގޭމްސްގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ ހަމަ ރަނގަޅު ފައިޓެއް ދީފަ ހުންނާނެ" ނަސީމް ބުންޏެވެ.
20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި ބީޗް ވޮލީއިން ޤައުމު ތަމްސީލުކުރާނީ ހަތަރު ކުޅުންތެރިންނެވެ. މުބާރާތުގައި ވާދަކުރާ ފިރިހެން ޕެއާއަކީ އިސްމާއިލް ސާޖިދް އަދި އާދަމް ނަސީމްއެވެ. އަދި މުބާރާތުގައި ވާދަކުރާ އަންހެން ޕެއާއަކީ އާމިނަތު އަރީޝާގެ އިތުރުން ފާތުމަތު އަނާލްއެވެ.
މި ކުޅުންތެރިންނަކީ ޗައިނާގެ ސަންޔާގައި ފައިތުވެދިޔަ އަހަރު ކުރިއަށްދިޔަ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އިތުރުން މިދިޔަ އަހަރު ސްރީލަންކާގެ ނެގޮމްބޯ ބީޗުގައި ކުރިއަށްގެންދިޔަ (ކާވާ) ބީޗް ވޮލީބޯޅަ މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނެވެ.
އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޤައުމީ ބީޗް ވޮލީ ޓީމުތައް ޖަޕާނަށް ފުރާނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.