އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ބްރޫނާއީއާ ދެކޮޅަށް ނުކުންނާނެއެވެ.
މިޔަންމާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއަށް ފުރުސަތު ލިބުނީ ޑިވެލޮޕްމަންޓް ފޭސް އިންނެވެ.
އޭއެފްސީއިން ވަނީ ކޮލިފައިންގެ އޮނިގަނޑަށް ބަދަލު ގެނަސްފައެވެ. އެގޮތުން މި ފަހަރުގެ ކޮލިފިކޭޝަން ކުރިއަށްދާނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފޭސް އެކެއްގައި ކުޅޭނީ ޑިވެލޮޕްމަންޓް ފޭސްގެ މެޗުތަކެވެ. އެއީ ދަށު ރޭންކުގެ މެޗުތަކެވެ. އަދި ފޭސް ދޭއްގައި ކުޅޭނީ މަތީ ރޭންކުގެ ގައުމުތަކާއެވެ.
ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕް އޮތްއިރު، ރާއްޖޭ ލައްވާލި ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން މިޔަންމާ، ސްރީލަންކާއާއި ދާރުއްސަލާމެވެ. ޑިވެލޮޕްމަންޓް ސްޓޭޖުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް އޭޝިއަން ކަޕް ކޮލިފިކޭޝަން ފޭހުން ޖާގަ ލިބޭނެއެވެ.
ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބްރޫނާއީއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން 17:30 ގައެވެ.
ކޮލިފައިންގެ ދެވަނަ މެޗުގައި ރާއްޖެއިން އަންނަ މަހުގެ ދެވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ކުޅޭއިރު ތިންވަނަ މެޗުގައި ބައްދަލުކުރާނީ މިޔަންމާއާއިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގައުމީ ޖޫނިއާ ޓީމު އިއުލާންކޮށްފައިވާއިރު، ޖޫނިއާ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފައިވަނީ އަޙުމަދު ޝާކިރެވެ. މީގެ ކުރިން ވެސް ޝާކިރު ވަނީ އެކި ފަހަރުމަތިން ޖޫނިއާ ގައުމީ ޓީމުތަކަށް ކޯޗުކަން ކޮށްފައެވެ.
ޝާކިރުގެ އެސިސްޓެންޓުކަމުގައި މި ފަހަރުގެ ކޮލިފިކޭޝަނުގައި މަސައްކަތް ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޯޗު އިބްރާޙީމް ސަޢީދު (ކަކާ)އެވެ.