ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގައި ފަލަސްޠީނާއި ރާއްޖެ ވާދަކުރި މެޗުން ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި މެޗުން ރާއްޖެ ބަލިވީ 168-78 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ޕޮއިންޓް ހޯދައިދިން މުހައްމަދު އައިކް ނީޝަމްއެވެ. އަދި ފަލަސްޠީނު ޓީމުން އެންމެ މޮޅަށް ކުޅެފައިވަނީ 28 ޕޮއިންޓް ހޯދައިދިން އަމްރު އަރީކަތްއެވެ.
މި މޮޅާއެކު ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ފަލަސްޠީނު ވަނީ ގްރޫޕް ބީގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ރާއްޖެއިން މުބާރާތުގެ ފަހު މެޗުގައި މިއަދު ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ. ރާއްޖެއެކޭ އެއްގޮތަށް ކިރިގިސްތާނަށްވެސް މުބާރާތުގައި އަދި މޮޅެއް ހޯދިފައެއް ނުވެއެވެ.
ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަން ބުރުގައި 4 ގްރޫޕެއްގައި 18 ޤައުމުން ވާދަކުރެއެވެ. ރާއްޖެއިން މުބާރާތުގައި ވާދަކުރަނީ ގްރޫޕް ބީގައެވެ. ރާއްޖޭގެ އިތުރުން ދެން ގްރޫޕްގައި ހިމެނެނީ ސްރީލަންކާ، ކިރިގިސްތާނު، ކަޒަކިސްތާނުގެ އިތުރުން ފަލަސްޠީނެވެ.
މުބާރާތުގެ ޕްރީ ކޮލިފިކޭޝަން ބުރުގެ ކުޅުން މިމަހުގެ 31 އާއި ހަމައަށް ކުރިއަށްދާނެއެވެ. ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގައި ސަރަހައްދީ ޓީމުތަކާ ވާދަކޮށް މޮޅުވާ ޓީމުތަކުން މެއިން ކޮލިފިކޭޝަން ބުރަށް ދަތުރުކުރާނެއެވެ. އެއަށްފަހު އެންމެ ވަރުގަދަ 16 ޤައުމަށް 2029 ވަނަ އަހަރު އޮންނަ ފީބާ އޭޝިއާ ކަޕުން ޖާގަ ކަށަވަރުވާނެއެވެ.