ޚަބަރު

"ކުރިއަށްއޮތް 2އަހަރަށް ރާއްވަވާފައިވާ ކަންކަން މާގިނަ"


ކުރިއަށްއޮތް 2 އަހަރުދުވަހުގެތެރޭގައި ސަރުކާރުން، ރައްޔިތުންނަށް ފުރިހަމަކޮށްދެއްވަން ރާއްވަވާފައިވާ ކަންތައްތައް، ފާއިތުވެގެން މިދާ 3 އަހަރުގެ ތެރޭގައި ޙާސިލްކުރެވުނު ކަންކަމަށްވުރެ ގިނަ ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވަނީ މިސަރުކާރުން ހޯއްދަވާފައިވާ އަދި ހޯއްދަވަމުންދާ ކާމިޔާބީތަކާއި، ގެންނަވަމުންދާ ތަރައްޤީއަށް ޓްވިޓަރގައި އަލިއަޅުއްވާލާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ގެންދަވަނީ ގިނަ މަސައްކަތްތަކެއް، އަދި ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތެރެއަށް ތަރައްޤީ ގެންނެވުމަށްޓަކައި އެއްފަހަރާ އެތަކެއް މަޝްރޫޢުތަކެއް ދަނީ ހިންގަވަމުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން މިފަދަ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް އެއް ވަގުތެއްގައި ކުރިއަށްގެންދަވާ ފުރަތަމަ ފަހަރެވެ. 

މާލެއާއި ހުޅުލެއާ ދެމެދުގައި އަޅާ ބްރިޖާއި، އައިހަވަން މަޝްރޫޢާއި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި، އަތޮޅުތެރޭގެ ބަނދަރުތަކާއި، މަގުތަކާއި، ފެނާއި ނަރުދަމާ އާއި ބޯހިޔާވަހިކަމުގެ އެތައް މަޝްރޫޢުތަކެއް މީގެތެރޭގައި ހިމެނެއެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަޝްރޫޢުތަކެއް ހިންގެވުމާއި، ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިންވެސް ރާއްޖެ ނުދެކޭ ފަދަ ބޮޑެތި ބަދަލުތަކަކާއި ކުރިއެރުންތަކެއް ސަރުކާރުން ގެންދަވަނީ ހޯއްދަވައިދެއްވަމުންނެވެ. މީގެ ތެރެއިން ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ ޓްވިޓަރގައި ވިދާޅުވެފައިވަނީ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ކަންކަމަކީ ދުވަހުން ދުވަހަށް ރައްޔިތުންނާއި އެންމެ ބޮޑަށް ގުޅިފައިވާ ދެދާއިރާކަމަށްވާތީ، މި ފާއިތުވެގެންމިދާ 3 އަހަރުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ގާތުން ބައްލަވަމުން ގެންދަވާ ދެ ދާއިރާއަކީ މި ދެ ދާއިރާކަމަށެވެ. 

އަދި ކުރިއަށްއޮތް 2 އަހަރު ރައްޔިތުންނަށް ފުރިހަމަކޮށްދެއްވާނެ ކަންތައްތައް، ފާއިތުވެގެން މިދާ 3 އަހަރުގެ ތެރޭގައި ޙާސިލްކުރެވުނު ކަންކަމަށްވުރެ ގިނަ ވާނެކަމަށް ވެސް މުޢާޒް ވިދާޅުވިއެވެ.

ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ސަރުކާރުން ވަނީ ހުސްނުވާ އާސަންދަ ތަޢާރަފްކުރައްވާ ރައްޔިތުން އަތުން ކުރަމުންދިޔަ ހޭދަ ކުޑަކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވައި ދެއްވާފައެވެ. ސަރުކާރުގެ ތަރުޖަމާނުގެ ޓްވިޓަރ ޕޭޖްގައި ވަނީ ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ފަރުވާ ހޯދުމަށް ރައްޔިތުންގެ އަތުން ހޭދަކުރަންޖެހޭ މިންވަރު، ފާއިތުވި 3 އަހަރުގެ ތެރޭގައި ރެކޯޑް ޢަދަދަކަށް ކުޑަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. 

މީގެ އިތުރަށްވެސް އެކި ދާއިރާތަކަށް ކަނޑައެޅުއްވި ގިނަ އަމާޒުތަކެއް ޔަޤީންކުރެވި، ހަޤީޤަތަކަށް ވެފައިވާކަމަށްވެސް މުޢާޒް ވިދާޅުވެފައިވެއެވެ.