ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގެ ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ. ބުރާސްފަތިދުވަހުގެ ހަވީރު ކުޅުނު މެޗުން ރާއްޖެ ބަލިވީ މުބާރާތް ކުރިއަށްދާ ޤައުމުކަމަށްވާ ކަޒަކިސްތާނު އަތުން 114-43 ގެ ބޮޑު ފަރަގަކުންނެވެ.
މިމެޗުގައި ޤައުމީ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޓީމަށް 12 ޕޮއިންޓް ހޯދައިދިން އަހްމަދު ޒަބީރެވެ. އަދި އިދިކޮޅުން ކުޅުނު ކަޒަކިސްތާނު ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޓީމުގެ ވެޓެރަންސް ދެ ކުޅުންތެރިންކަމަށްވާ ރުސްތަމް މުރްޒަގަލިޔޭވް އާއި އެންތޮނީ ބައިކޯވްއެވެ.
މުބާރާތުގައި ރާއްޖެއިން ދެން ނުކުންނާނީ ހޮނިހިރުދުވަހުގެ ހަވީރު ފަލަސްޠީނާ ދެކޮޅަށެވެ. މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ ފަލަސްޠީނު މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، 4 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަން ބުރުގައި 4 ގްރޫޕެއްގައި 18 ޤައުމުން ވާދަކުރެއެވެ. ރާއްޖެއިން މިމުބާރާތުގައި ވާދަކުރަނީ ގްރޫޕް ބީ ގައެވެ. ރާއްޖޭގެ އިތުރުން ދެން ގްރޫޕްގައި ހިމެނެނީ ސްރީލަންކާ، ކިރިގިސްތާނު، ކަޒަކިސްތާނުގެ އިތުރުން ފަލަސްޠީނެވެ.
މުބާރާތުގެ ބުރުގެ ކުޅުން މިމަހުގެ 31 އާއި ހަމައަށް ކުރިއަށްދާނެއެވެ. ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގައި ސަރަހައްދީ ޓީމުތަކާ ވާދަކޮށް މޮޅުވާ ޓީމުތަކުން މެއިން ކޮލިފިކޭޝަން ބުރަށް ދަތުރުކުރާނެއެވެ. އެއަށްފަހު އެންމެ ވަރުގަދަ 16 ޤައުމަށް 2029 ވަނަ އަހަރު އޮންނަ ފީބާ އޭޝިއާ ކަޕުން ޖާގަ ކަށަވަރުވާނެއެވެ.