2026 ވަނަ އަހަރުގެ ޔުއޭފާ ޕްރެޒިޑެންޓްސް އެވޯޑް ފަރަންސޭސިވިލާތުގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ތިއެރީ އޮންރީ އަށް ލިބިއްޖެއެވެ.
އޮންރީއަށް މިއެވޯޑް ދިނުން އޮތީ މޮނާކޯގައި ރޭ ބޭއްވި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ. މިއެވޯޑް އޮންރީ އާއި ހަވާލުކޮށްފައިވަނީ ޔުއޭފާގެ މިހާރުގެ ރައީސް އެލެކްސެންޑަރ ޗެފެރިންއެވެ. މިއެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޗެފެރިން ބުނީ ކުޅުންތެރިއެއްގެގޮތުގައި އޮންރީ ހޯދާފައިވާ ކާމިޔާބީ ތަކުގެ ވާހަކަ އާއި ދައްކާފައިވާ މޮޅުކުޅުމުގެ ވާހަކަ އަދިވެސް އަންނަނީ ދެކެވެމުންކަމަށެވެ. އޭނާ މަޝްޙޫރުވެފައިވަނީ ހަލުވި، ހުނަރުވެރި އަދި އިދިކޮޅު ޓީމަށް އެއްވެސް ބެލުމެއްނެތި ލަނޑު ޖަހާ އަބަދަށް ފަހި ފޯވަޑެއްގެ ގޮތުގައެވެ. އަދި މިއެވޯޑް އޮންރީއަށް މިފަހަރު ދިނީ އޭނާ ފުޓްބޯޅައަށް ކޮށްދީފައިވާ އަދި ކުރަމުންދާ އަގުހުރި ހިދުމަތުގެ އަގުވަޒަން ކުރުމުންގެ ގޮތުން ކަމުގައި ޗެފެރިން ފާހަގަ ކުރިއެވެ.
ޔުއޭފާ ޕްރެޒިޑެންޓްސް އެވޯޑަކީ 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޔޫރަޕިއަން ސީޒަން ފެށުމުގެ ކުރިން ދެވެމުން އަންނަ އެވޯޑެކެވެ.
ރޭގެ މިރަސްމިއްޔާތުގައި ޕެރިސް ސެއިންޓް ޖަރމެއިންގެ ކެޕްޓަން މާކީނިއޯސްއަށްވަނީ މިސީޒަންގައި އަލަށް ތައާރަފްކުރި "ރެސްޕެކްޓް ބިއޮންޑް ދި ގޭމް އެވޯޑް" އަރުވާފައެވެ. މިއިނާމް މާކީނިއޯސްއަށް ދީފައިވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި ޕީއެސްޖީ ބައްދަލުކުރި އާސެނަލްއަށް ކުޅެމުންދިޔަ ބްރެޒިލްގެ ޑިފެންޑަރ ގެބްރިއަލް ޖެހި ފަހު ޕެނަލްޓީ ނާކާމިޔާބުވެ ޕީއެސްޖީއަށް ތަށި ކާމިޔާބުވި ވަގުތު ޓީމާއެކު އުފާފާޅު ކުރުމުގެ ބަދަލުގައި ގެބްރިއަލްއަށް ހިތްވަރު ދިނުމަށް މާކީނިއޯސް އިސްވެފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. ޔުއޭފާއިން އަލަށް ތައާރަފްކުރި މިއޯޑަކީ ކޮންމެ އަހަރަކު ދޭ އެވޯޑެއް ކަމަށް ޔުއޭފާއިން ހާމަކުރެއެވެ. އަދި މިއެވޯޑަށް ވާދަކުރުމުގެ ފުރުސަތު ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި ޓެކްނިކަލް ސްޓާފުން، މެޗު އޮފިޝަލުންނާއި ސްޕޯޓަރުންނަށްވެސް އޮންނާނެ ކަމަށް ޔުއޭފާއިން ހާމަކުރެއެވެ.