އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް އަލަށް ސޮއިކުރި މޮރޮކޯގެ ޒުވާން ކުޅުންތެރިޔާ އައްޔޫބު ބުއާދީ އަށް ވަގުތު ބޭނުންވާކަމަށާއި އެހެންވެ އެންމެންވެސް އެކަމަށް ކެތްތެރިވުމަށް ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
މަރެސްކާ މިހެން ބުނެފައިވަނީ ޕްރިމިއަރ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މަރެސްކާ ބުނީ ބުއާދީ ހުރީ ޕެލަސް މެޗަށް ތައްޔާރަށް ކަމަށާއި ނަމަވެސް ސިޓީގެ ޓީމަށް ހޭނުމުގެ އިތުރުން ޕްރިމިއަރ ލީގަށް ހޭނެން އޭނާއަށް ވަގުތު ދޭންޖެހޭނެ ކަމަށެވެ. މަރެސްކާ ބުނީ ބުއާދީގެ ކުޅުން އެއީ 18 އަހަރުގެ ޒުވާނެއްކަން އެއްގޮތަކަށްވެސް ނޭނގޭ ކަމަށާއި އެއަށްވުރެ އޭނާގެ ކުޅުން ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ ޓީމަށް ގުޅުނުތާ މާގިނަ ދުވަސް ނުވުމުގެ އިތުރުން އެހެން ލީގަކުން އައިސް ޕްރިމިއަރ ލީގަށް ހޭނެން ވަގުތު ނަގާނެ ކަމަށާއި އެހެން ކަމުން މާއަވަސް އަރުވާލައިގެން އުޅުން ބުއްދިވެރި ނޫން ކަމަށް ސިޓީގެ ކޯޗު ބުންޏެވެ. އަދި ބުއާދީގެ ކަންތައްތައް އެންމެ ރަނގަޅަށް މެނޭޖްކޮށް އޭނާގެ މޮޅު ކުޅުން ނެރުމަށް އެހީތެރިވުުމުގެ ޒިންމާ އޮތީ އޭނާ އާއި ކްލަބްގެ ބޮލުގައި އެޅިފައިކަމަށްވެސް މަރެސްކާ ފާހަގަ ކުރިއެވެ.
މިފަހަރުގެ ޓްރާންސްފަރ މާކެޓް ބަންދު ވުމުގެ ކުރިން އަދިވެސް ސިޓީއަށް އިތުރު އެކެން ނުވަތަ ދެ ކުޅުންތެރިން އަދި ހާއްސަކޮށް ލީޑަރ ޝިޕް ފެންވަރުގެ ކުޅުންތެރިއެއް ގެއްނަން ޖެހޭކަމަށް މަރެސްކާ ފާހަގަ ކުރިއެވެ. މަރެސްކާ ބުނީ ނިމިގެންދިޔަ ސީޒަނާއެކު ޓީމުގެ ސީނިއަރ ބައެއް ކުޅުންތެރިން ކަމަށްވާ ޖޯން ސްޓޯންސް، ބެނާޑޯ ސިލްވަރ، ރޮޑްރީ އަދި ނޭތަން އައިކަރ ޓީމު ދޫކޮށް ގޮސްފައިވާތީ އެފެންވަރުގެ ކުޅުންތެރިއެއް ނުވަތަ ދެކުޅުންތެރިން އެޓީމަށް ބޭނުންވާ ކަމަށެވެ. އަދި މިސީޒަންގައި ސިޓީއިން ތަށްޓަކަށް ވާދަކުރާނަމަ އިތުރު ކުޅުންތެރިން ބޭނުންވާކަމަށް މަރެސްކާ ބުންޏެވެ. ނަމަވެސް މިވަގުތު އެހެން ކުޅުންތެރިއެއް ގެނައުމާއި ގާތަށް ގޮސްފައިނުވާކަމަށްވެސް މަރެސްކާ ބުނެފައިވެއެވެ. މިވަގުތު ސިޓީގައި ސީނިއަރ ކުޅުންތެރިން ތިބި ނަމަވެސް ގިނައީ ޒުވާން ކުޅުންތެރިންނެވެ.
ޕެލަސް އާއި ކުރިމަތިލުމަށް ތައްޔާރު ވެފައިވާއިރު މަރެސްކާ ބުނީ އެލިއޮތް އެންޑަރސަންއަށް ފުރަތަމަ މެޗުގައި ލިބުނު އަނިޔާއަށްފަހު މިހާރު ރަނގަޅު ކަމަށާއި މަތިއަސް ނޫނޭސް އަދި މުޅިން ފިޓް ނުވާއިރު ޖެރެމީ ޑޯކޫ މިމެޗުގައިވެސް ފެނިގެން ނުދާނެ ކަމަށެވެ. ޕެލަސް އަށް ބަލާލާއިރު އެޓީމުގެ ފޯވަޑް އިސްމާއިލާ ސާއަށް ލިބިފައިޥާ އަނިޔާ އަދިވެސް ރަނގަޅު ނުވާތީ އޭނާ ނުފެންނާނެ އިރު ޗާޑީ ރިއާދުވެސް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވޭނެއެވެ.
މިދިޔަ ސީޒަންގައި ސިޓީ އާއި ޕެލަސް ބައްދަލުކުރި ދެމެޗުވެސް ކާމިޔާބު ކޮށްފައިވަނީ ސިޓީއެވެ. މިގޮތުން ލީގުގައި ހޯމް އެންޑް އެވޭ ގައި ކުޅުނު ދެމެޗުވެސް ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު ސުން ލަނޑުންނެވެ.