އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން މީގެ ކުރިން ލިބިފައި ނުވާ ވަރުގެ ބޮޑެތި ގެއްލުންތައް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ލިބިފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ހުންނަ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބޭނުންކުރާ އިމާރާތަކަށާއި ރާޑަރު ނިޒާމުތަކާއި ޖާސޫސީ ސާމާނަށް އެތައް ބިލިޔަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. އެއީ އެމެރިކާގެ ޖާސޫސީ ދާއިރާއަށް މީގެ ކުރިން ލިބިފައި ނުވާ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ޤަބޫލުކުރެވެއެވެ.
މަސްދަރުތަކުން ބުނީ އީރާނުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއާއި ޖަސޫސީ އިދާރާތަކުން ގުޅިގެން އެކުގައި ބޭނުންކުރަމުން ދިޔަ ސައިޓުތަކަށާއި ސާމާނަށް ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ވަނީ އެ ފަދަ ސައިޓުތައް މަރާމާތުކޮށް، ގެއްލުން ލިބޭ ސާމާނު ބަދަލުކުރުމަށް ޚާއްޞަ އެމަޖެންސީ ފަންޑެއް ވެސް ޤާއިމްކޮށްފައެވެ.
އީރާނުން އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ދިން ހަމަލާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހަމަލާއަކީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ އެމެރިކާގެ ސީއައިއޭ މަރުކަޒަކަށް ދީފައިވާ ހަމަލާއެވެ. އަދި ޢިރާޤުގެ އިރުމަތީ ސަރަޙައްދެއްްގައި ޤާއިމްކޮށްފައިވާ ފެސިލިޓީއަކަށް ދީފައިވާ ހަމަލާގެ އިތުރުން މެދުއިރުމަތީ ސަރަޙައްދުގައި އެމެރިކާއިން ޤާއިމްކޮށްފައިވާ ޚައްޞަ ރާޑަރުތަކާއި ޖާސޫސީ ސާމާނަށް ދީފައިވާ ހަމަލާތައް ފާހަގަކޮށްލެވެއެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނުތާ ކުރީކޮޅު އީރާނުގެ ހަމަލާތައް ނިޒާމީ އުސޫލެެއްގެ ގޮތުން އަމާޒުކުރަމުން ދިޔައީ އެމެރިކާގެ ވައިގެ ދިފާޢީ ރާޑަރު ވިއުގަތަކަށެވެ.
ސެޓެލައިޓް ފޮޓޮއަށް ފެންނަ ގޮތުގައި އީރާނުން ދިން ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އިމާރާތްތަކާއި ނިޒާމުތަކަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ގެެއްލުންތަކެއް ލިބިފައިވެއެވެ. އެ ގޮތުން ޢުރުދުނުގައި ހުންނަ އެމެރިކާގެ އޭއެން/ޓީޕީވައި-2 ރާޑަރު ސިސްޓަމާއި، ޤަޠަރުގައި ހުންނަ އޭން/އެފްޕީއެސް-12 ރާޑަރަކަށާއި، އެކުވެރި ޢަރަބި އިމާރާތާއި ބަހްރައިންއާއި ކުވައިތުއާއި ސަޢުދީ ޢަރައްބިއްޔާގައި ޤާއިމްކޮށްފައިވާ ތަފާތު މަރުކަޒުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އެމެރިކާއަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އެސެޓުތައް އެ ޤައުމަށް ހިމާޔަތް ކުރެވިދާނެތޯއާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާއިން ޖަމާކޮށް ފަހަށް ރައްކާކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމުގެ ސްޓޮކަށް ވެސް ވަނި އަސަރުކޮށްފައެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް، ސީއެސްއައިއެސްއިން ބުނީ މި އަހަރުގެ ފެބްރުއަރީ މަހާއި ޖުލައި މަހާ ދެމެދު، ހަނގުރާމައިގެ ކުރީގެ ދުވަސްތަކާ އަޅާބަލާއިއިރު އެމެރިކާގެ ޕެޓްރިއޮޓް އިންޓަސެޕްޓަރުތަކުގެ ޢަދަދު 38 އިންސައްތައިން މަދުވެފައިވާ ކަމަށެވެ.