ޚަބަރު

ޤައުމީ ކުރިކެޓް ޓީމުގެ މެނޭޖަރަކަށް އާރިފް ރިޒާ


  • އާރިފްއަކީ 30 އަހަރުގެ ދިގު ތާރީޚެއް ކުރިކެޓްގައި އޮތް ފަރާތެއް

  • އޭނާވަނީ ތައިލެންޑްގައި ކުރިއަށްދިޔަ މުބާރާތުގެ ބެސްޓް ބެޓްސްމަންގެ މަޤާމުވެސް ހޯދާފައި

ޤައުމީ ކްރިކެޓް ޓީމުގެ މެނޭޖަރަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ ހުސައިން އާރިފް ރިޒާ ހަމަޖައްސައިފިއެވެ.

މި މަޤާމަށް އާރިފް ހަމަޖެއްސުމުގެ ބޭއްވި ރަސްމިއްޔާތުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މުހައްމަދު ފައިސަލްގެ އިތުރުން ނައިބު ރައީސް އަހްމަދު އިސްހާޤުވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާރިފްއަކީ މަދަރުސީ ދައުރުންސުރެ ކުރިކެޓްގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އެގޮތުން މަޖީދިއްޔާ ސްކޫލުގެ ކުރިކެޓް ޓީމުން ވިދާލާ، ދިގު މުއްދަތަކަށް ކްލަބް ކުރިކެޓްގައި އޭނާވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ވެޓެރެންސް ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ އާރިފްވަނީ އެންމެފަހުން ވެޓެރަންސް ޓީމުން ތައިލޭންޑްގައި ވާދަކުރި ހުއާ ހިން ސިކްސެސް ކްރިކެޓު މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ އެއްވަނަ ބެޓްސްމަންގެ މަގާމުވެސް ހާސިލްކޮށްފައެވެ.

ޤައުމީ ކުރިކެޓް ޓީމުގެ މެނޭޖަރަކަށް އާރިފް ހަމަޖެއްސުމަށްފަހު ސީބީއެމްއިން ބުނެފަވަނީ އޭނާއަކީ ކްރިކެޓްގައި ފާއިތުވެދިޔަ 30 އަހަރު ހަރަކާތްތެރިވެފައިވާ، ތަޖުރިބާކާރު ކާމިޔާބު ކުޅުންތެރިއެއްކަމަށެވެ. އެހެންކަމުން އެފަދަ ތަޖުރިބާހުރި ފަރާތެއް ޤައުމީ ކުރިކެޓް ޓީމާ ގުޅުމަކީ ޓީމަށް ލިބިގެންދާނެ މުއްސަނދިކަމެއްކަމަށާ ސީބީއެމްއިން އަބަދުވެސް އެދެނީ އޭނާއަށް އިތުރު ކާމިޔާބީއަށްކަމަށެވެ.