ޚަބަރު

މިހަފުތާގައިވެސް 14ހާހަށްވުރެ ގިނަ ބިސް ކޭސް އެތެރެކުރިި


  • ބިހުގެ އަގު އުފުލެން މެދުވެރިވާނެ ފަދަ މައްސަލައެއް ނެތް

  • މިހަފްތާގައި އެކަނިވެސް 14،790 ކޭސް ބިސް އެތެރެކުރި

މިހަފްތާގައި ރާއްޖެއަށް އެތެރެކުރި އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ %29.3 އަކީ ކުކުޅު ބިސްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓަރމިނަލް އިން މިމަހުގެ 22އިން 26އަށް ކްލިއަރކޮށްފައިވާ އަވަހަށް ހަލާކުވާ ޒާތުގެ 1695.328 ފްރައިޓް ޓަނުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށާއި އޭގެތެރޭގައި 497.523 ފްރައިޓް ޓަނުގެ ބިސް ހިމެނޭކަމަށެވެ. އެއީ ޖުމްލަ 14،790 ކޭސް ބިހެވެ. އިންސައްތައިން ބަލާނަމަ %29.3 ބިހެވެ.

އެމްޕީއެލްއިން މިހެން ވިދާޅުވެފައިވަނީ ރާއްޖެއިން ބިސް ހުސްވުމުގެ ސަބަބުން ކޮންޓްރޯލްކޮށްގެން ބިސް ވިއްކަމުންދާ ކަމަށް މީސްމީޑިއާގައި ވާހަކަދެކެވެމުންދަނިކޮށެވެ. އަދި ބައެއް ފިހާރަތަކުން ބިސް ލިބޭ އަގު ވަރަށް ބޮޑުތަނުން އުފުލިފައިވާކަން ފާހަގަކޮށް އާއްމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.

ބިހުގެ އަގަށް ބަދަލު އައިސްފައިވާކަމަށާއި، އެކަން އެހެން ހިނގަން މެދުވެރިވީ ކުކުޅު ބިސް ލިބުމުގައި ދަތިތައް ހުރުމުންކަމަށް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެހެންނަމަވެސް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ ބިސް ލިބުމުގައި ދަތިކަމެއް ނެތްކަން ޕީއެސްއެމް ނިއުސްއަށް ޔަޤީންކޮށްދެއްވާފައެވެ.

އަދި އެއްވެސް ކޮންޓްރޯލަކާއި ނުލައ އެސްޓީއޯއިން ބިސް ވިއްކަމުންދާ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. އެސްޓީއޯއިން ވިދާޅުވީ މިވަގުތުވެސް ބިހުގެ އިތުރު ޝިޕްމަންޓުތައް ލިބެމުން އަންނަ ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައިވެސް ދަތިކަމެއް ނެތި ބިސް ލިބޭނެ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން، އަސާސީ ބާވަތްތަކުގެ ލިސްޓަށް ގެނެވުނު ބަދަލުގެ ތެރެއިން ބިސް ހިމެނޭހެން އިތުރު ބާވަތްތައް ވަނީ އަސާސީ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.