އިނގިރޭސި ކަރަބާއޯ ކަޕްގައި ރޭ ޓޮޓްނަމް ކުޅުނު މެޗުގައި އެ ޓީމާއި އަލަށް ގުޅުނު ސަވިއޯ ޖެހި ލަނޑާއެކު ޗާލްޓަން އަތުން 5-1 ގެ ނަތީޖާއަކުން ޓޮޓްނަމް މޮޅުވެއްޖެއެވެ.
ކަރަބާއޯ ކަޕް ނުވަތަ ލީގު ކަޕްގެ ދެވަނަ ބުރުގައި ރޭ ކުޅުނު މި މެޗުން ޓޮޓްނަމް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ލިބިފައެވެ. މި މުބާރާތުގެ ތިންވަނަ ބުރުގައި ޓޮޓްނަމް އާއި ދެކޮޅަށް ކުޅޭނީ ލިވަޕޫލް އެވެ.
ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޓޮޓްނަމްއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް މިކީ މޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޑޮމިނިކް ސޮލާންކޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ޗެމްޕިއަންޝިޕްގެ ކްލަބް, ޗާލްޓަން އާއި ދެކޮޅަށް މި ސީޒަނަށް ބޮޑު ހޭދައެއް ކޮށްފައިވާ ޓޮޓްނަމް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. އައު ސީޒަނާއި ކުރިމަތިލީއިރު ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޓޮޓްނަމް އިން ވަނީ 300 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ކުޅުންތެރިން ހޯދުމަށް ހޭދަކޮށްފައެވެ.
މި މެޗުގައި ޓޮޓްނަމް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓުގައި ކެވިން ޑަންސޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި މެޗުގައި އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ޓޮޓްނަމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ ވަނީ މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ ސަވިއޯ ކުޅެން އަރުވާފައެވެ. އަދި އޭނާ ވަނީ ކުޅެން އެރިތާ 11 މިނުޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ.
މި މެޗުގައި ޓޮޓްނަމް އިން ޖެހި ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބެން ޑޭވީސް އެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ޗާލްޓަންގެ ރެންކިން ކޮސްޓެލޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ.
ޓޮޓްނަމް އިން ދެން އެންމެ އަވަހަށް ކުޅޭނީ ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.