ޚަބަރު

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް ޔާސިރު


  • ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ފެއްޓެވީ 1993 ވަނަ އަހަރު

  • ފަތުރުވެރިކަމުގެ ދާއިރާގައި 25 އަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ.

ޔާސިރަކީ ފަތުރުވެރިކަމާއި، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ދާއިރާއިން 25 އަށްވުރެ ގިނަ އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގެ އިތުރުން ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައިވެސް މަސައްކަތް ކުރައްވާފައެވެ.

އޭނާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ފެއްޓެވީ 1993 ވަނަ އަހަރުއެވެ. އަދި ޖެނެރަލް މެނޭޖަރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަދި ފްރަންޓް އޮފީސް މެނޭޖަރު ފަދަ އޮޕަރޭޝަނަލް އަދި މެނޭޖްމަންޓް އެކި މަގާމުތައް ފުރުއްވާފައިވެއެވެ.

ޔާސިރު ވަނީ 2002 އިން 2008 އަށް ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރެއްގެ ގޮތުގައި އެ ރިސޯޓުގެ ސްޓްރެޓެޖިކް ޕްލޭނިންގ އަދި ގަވަނަންސްގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ސުޕަރސަޕްލައި އެންޑް ވޯޓާމާކްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުނު ޕޯރޯސް ލައިވް ޕްރޮޖެކްޓްގައި ބައިވެރިވެވަޑައިގެން، ފަތުރުވެރިކަމުގެ ވާދަވެރިކަން އިތުރުކުރުމަށް ބޭނުންވާ މާކެޓް އެސެސްމަންޓާއި ސްޓްރެޓެޖިކް ލަފާތައް އޭނާ ވަނީ ފޯރުކޮށްދެއްވާފައެވެ. މީގެއިތުރުން، ޔާސިރު މިހާރުވެސް ގެންދަވަނީ އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމު އަދާކުރައްވަމުންނެވެ.

ޢަބްދުﷲ ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަރ އޮފް އާޓްސް (އޮނާސް) ހާސިލްކުރައްވާފައެވެ.