ޚަބަރު

އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ލުބުނާނަށް އަނެއްކާވެސް ހަމަލާދީފި


އެމެރިކާ މެދުވެރިވެގެން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އަނެއްކާވެސް ވައިގެ ހަމަލާތަކެއް ދީފިއެވެ.

ލުބްނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އޭޖެންސީ އިން މަޢުލޫމާތު ދިން ގޮތުގައި، ޔަހޫދީ ހަނގުރާމަމަތީ ޖެޓްތަކުން ހަމަލާ އަމާޒުކޮށްފައިވަނީ ސޫރު ސަރަހައްދުގައިވާ މަޖްދަލް ޒޫން އަވަށަށެވެ. މި ހަމަލާގައި ލިބުނު ގެއްލުންތަކާއި، މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ތަފްސީލު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައި މިވަނީ، މާރިޗު 2 ވަނަ ދުވަހު ހަނގުރާމަ އަލުން ފެށުނު ފަހުން ޔަހޫދީ އަސްކަރިއްޔާ އަދި ލުބުނާނުއާ ދެމެދު މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މާރިޗު މަހުން ފެށިގެން ޔަހޫދީން ދަނީ ޙިޒްބުﷲ މަރުކަޒުތަކަށް ކަމަށް ބުނެ، ލުބްނާނަށް މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ޙިޒްބުﷲ ވަނީ އެ ހަމަލާތަކަށް ރައްދުދީ ޔަހޫދީންގެ ޖަގަހަތަކަށް ހަމަލާތައް އަމާޒުކޮށްފައެވެ. މިއާއެކު، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ވަނީ އެއްކޮށް ރޫޅިގެން ގޮސްފައެވެ.

އެމެރިކާ އިސްވެ ކުރިއަށް ގެންދިޔަ ސިޔާސީ އަދި ޚާރިޖީ މަޝްވަރާތަކަށްފަހު، މިދިޔަ ޖޫން މަހުގެ ތެރޭގައި ދެފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނެނީ، ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ލުބްނާނުގެ ބިންތަކުން ސިފައިން ފޭބުމާއި، އެ ސަރަޙައްދުތަކުގައި ލުބްނާނުގެ ރަސްމީ އަސްކަރިއްޔާ ހަރަކާތްތެރިވުމުގެ އިތުރުން އެހެނިހެން ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ހަތިޔާރު ނެގުމެވެ.