ޚަބަރު

10 ބޯލް ޗެމްޕިއަންކަން ޝާޒް އަދި ދީނާއަށް


  • ޝާޒް ޗެމްޕިއަންކަން ހޯދީ 11-06 ސުވައިދުގެ މައްޗަށް ކުރި ހޯދައިގެން

  • ދީނާ ޗެމްޕިއަންކަން ހޯދީ 09-05 ފަގީހާގެ މައްޗަށް ކުރި ހޯދައިގެން

ޓެން ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު އަދި ދީނާ އަހްމަދު ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޝާޒް ކަށަވަރުކުރީ 11-06 ފްރޭމުން މެޗު ކާމިޔާބުކޮށް އިސްމާއިލް ސުވައިދްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދީނާ ހޯދީ 09-05 ފްރޭމުން މެޗު ކާމިޔާބުކޮށް ފައިނަލުގައި ފަގީހާ އިބްރާހިމް ބަލިކޮށްގެންނެވެ.

ރާއްޖޭގެ ރޭންކިންއަށް އެރުމަށް ކުޅެވޭ އެންމެ ބޮޑު އެއް މުބާރާތް ކާމިޔާބުކުރުމަށްފަހު (އެމްޕީބީއޭ)އަށް ދިން އިންޓަވިއުއެއްގައި ޝާޒް ބުނެފައިވަނީ މިފަދަ މުބާރާތެއް ދެ އަހަރަށްފަހު ކާމިޔާބުކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ. އަދި މިއީ ހުއްޓުމެއްނެތި ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށާއި ރާއްޖޭގެ ކުޅުންތެރިންގެ ކުރިއެރުމަށްޓަކައި މިފަދަ މުބާރާތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށެވެ.

"މިމުބާރާތް ވިންކޮށްގެން ރާއްޖޭގެ އެއްވަނަ، ދެ ވަނަ، ތިން ވަނައަށް ވާދަވެސް ކުރެވޭނީ. މިމުބާރާތުގެ މުހިއްމުކަމަކީ ރޭންކިންއަށް ވާދަކުރުން" ޝާޒް ބުންޏެވެ.

އަންހެން ޑިވިޝަނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދީނާ ބުނެފައިވަނީ މިކުޅިވަރުގެ ތެރެއަށް އިތުރު ކުޅުންތެރިން ވަންނަތަން ދެކޭހިތްވާކަމަށެވެ. އަދި މިއީ ވަރަށް ރީތި ކުޅިވަރެއްކަމަށާ މުބާރާތުގެ ކާމިޔާބީއާމެދު ވަރަށް ހިތްހަމަޖެހިފައިވާކަމަށް އޭނާ ބުނެފަވެއެވެ.

"މިފަދަ މުބާރާތްތައް މިބާއްވަނީ ކުދިން ކުރިއަރުވަން ބޭނުންވާތީ. މިއީ ވަރަށް ރީތި ސްޕޯޓެއް. މި ކުޅިވަރު ކުރިއަރާނީ މިފަދަ މުބާރާތްތައް ގިނަގިނައިން ކުޅެގެން. އަޅުގަނޑު ބޭނުންވަނީ އިތުރު ކުޅުންތެރިން މި ކުޅިވަރާ ގުޅުމަށް" ދީނާ ބުންޏެވެ.

"ވިނާސް އެންޑް ލޫޒާޒް ބްރެކެޓް" ފޯމެޓަށް ކުރިއަށް ދިޔަ މިމުބާރާތުގެ ކުޅުން ފެށީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މާލޭ ބިލިއާޑް ހޯލުގައި ކުރިއަށްދިޔަ މިމުބާރާތުގައި ޖުމްލަ 128 ކުޅުންތެރިން ވާދަކޮށްފަވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 114 ކުޅުންތެރިންނާއި އަންހެން 14 ކުޅުންތެރިންނެވެ. މުބާރާތުގައި ޖުމްލަ 126 މެޗު ކުޅެފަވެއެވެ.