ޚަބަރު

މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙުތައް ފާސްކޮށްފި


  • ބިލު ފާސްކުރީ 59 މެންބަރުންގެ ވޯޓުން

  • ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން މަނާކުރަން ހިމަނާފައިވޭ

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ، ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަހުމަދު ހުށަހަޅާފައިވާ ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، އިޤުތިސާދީ ކޮމިޓީން ގެނައި އިސްލާޙުތަކާއެކުގައެވެ.

މި އިސްލާޙަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމާއި މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް މުރާޖަޢާކޮށް، އިތުރަށް ހަރުދަނާ ކުރުމާއި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ، ޤާނޫނުގެ ދަށުން ކުށެއްކަމުގައި ބަޔާންކުރުމަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހެކެވެ. މި ބިލުގައި އެފަދަ ކުށުގެ ޖޫރިމަނާ ކަނޑައެޅުމާއި، އެނޫންވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށް ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙޫތައް ގެނައުމަށްވެސް ވަނީ ހިމަނުއްވާފައެވެ.

ޤާނޫނަށް ހުށަހަޅުއްވާފައި އިސްލާޙުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިތުރު ބާވަތްތަކުގެ މަސްވެރިކަން ކުރުމުގެ ހުއްދަ މަސްވެރި ކަމާބެހޭ ވުޒާރާއަށް ދެވިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތަށް ހުއްދަ ކަމުގައި ކަނޑައަޅާ މަސްވެރިކަމުގެ ބާވަތްތައް ގެޒެޓުގައި އާންމު ކުރަންވާނެ ކަމަށާއި އެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް އަދި ނަގާނެ ފީތައް ބަޔާންކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އެކި ބަވާތްތަކުގެ މަސްވެރިކަން ކުރި ނަމަވެސް ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުން މަނާވާނެއެވެ. އަދި ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގައި ކުރުން ހުއްދަކޮށްފައިވާ ބާވަތުގެ މަސްވެރިކަން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރާ ކުރުން ފިޔަވައި، އެނޫން ޙާލަތެއްގައި އެފަދަ ސަރަޙައްދެއްގައި މަސްވެރިކަން ކުރުމަކީވެސް މަނާކަމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހިމާޔަތް ކޮށްފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކޮށްފިނަމަ 500،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ މަހުގެ ބާވަތެއް ބޭރުކޮށްފިނަމަ 1 މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ޚާއްސަ ބަނދަރުތައް ތަރައްޤީ ކުރުމުގެ ހުއްދަ ވުޒާރާއަށް ދެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ޤާނޫނުގައި މަނާކޮށްފައިވާ ހަރަކާތެއް ހިންގުމުގެ ސަބަބުން އިދާރީ ފިޔަވަޅު އަޅާ ބޭރުގެ އުޅަނދުފަހަރު ނިސްބަތްވާ ޤައުމެއްގެ ސަބަބުން އެ އުޅަނދާމެދު އަމަލުކުރާނެ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ކުށްތަކާ ގުޅިގެން އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަންވެސް މި އިސްލާހުގައި ވަނީ، ހިމަނުއްވާފައެވެ.

މި އިސްލާޙު މަޖިލީހުން ފާސްކޮށްފައިވަނީ، 59 މެންބަރުންގެ އިއްތިފާގުންނެވެ.