އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް މީގެކުރިން އެމަޤާމު އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، މި މަހުގެ 23ވަނަ ދުވަހުއެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުގެ ނަން އިންފޮމޭޝަން ކޮމިޝަނަރަކަށް ޢައްޔަން ކުރުމަށް ފޮނުވާފައިވަނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ.
މި މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީގައި ޢަބްދުލް ޢަޒީޒަށް 75 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބިފައިވާތީ، އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ކަނޑައެޅިއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބުމުގެ ޙައްގުގެ ޤާނޫނުގެ މަޤުސަދަކީ ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށާއި އެ މަޤުސަދު ހާސިލުކުރައްވާނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ. އެގޮތުން، ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި އާންމު އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކުން އެ މައުލޫމާތު ނުލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނު އެކުލަވާލިއިރު މަޖިލީހުގެ ކޮމިޓީގައި ހުންނެވިކަން ފާހަގަކުރައްވައި ޢަބްދުލްޢަޒީޒު ވިދާޅުވީ، އެ ޤާނޫނުގެ ނިޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސްނެގުމުގެ މަތިން މައުލޫމާތު ހާމަކޮށްފައި ހުރުން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ކޮންމެހެން ލިބިފައި ހުންނަންޖެހޭ މައުލޫމާތު ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީން ހުށަހެޅި ރިޕޯޓާ ގުޅިގެން މަޖިލީހުގައި ނެގި ވޯޓުގައި ޢަބްދުލްޢަޒީޒު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ފާސްވެފައިވަނީ، 47 މެންބަރުންގެ ވޯޓުންނެވެ. އެ މަޤާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށްފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އެ މަޤާމަށް އޭނާ ޢައްޔަންކުރެއްވީ، 22 ޖުލައި 2014 ގައެވެ. އެ މަޤާމުގައި އޭނާ ހުންނެވީ، 22 ޖުލައި 2019އާ ހަމައަށެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބަހުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ހުންނެވީ، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.