މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެންބަރު މަހުގެ 1 އިން 2 އަށެވެ. ހަރަކާތްތައް ކުރިއަށް ގެންދަނީ، ޕެންޝަން އޮފީހުގެ އިތުރުން ބ. އޭދަފުށީ ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ އަދި މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާ ގުޅިގެންނެވެ.
މި ހަރަކާތްތައް ފެށުމުގެ ގޮތުން ސެޕްޓެންބަރު 1 ވާ އަންގާރަ ދުވަހު މާމައިންނާއި ކާފައިންނަށް ޚާއްޞަ ކޮށްގެން ހަވީރުގެ ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާމަ ކާފައިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އިންތިޒާމު ކުރާ ހަރަކާތެކެވެ.
މީގެއިތުރުން ޕެންޝަން އޮފީހާއި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގުޅިގެން މާމަ ކާފައިންނާއި ޢާއިލާތަކަށް މުހިންމު މަޢުލޫމާތުތައް ހިމެނޭ ޚާއްޞަ މަޢުލޫމާތު ސެޝަނެއްވެސް މި ހަވީރުގެ ސައިގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތްތަކުގެ ތެރެއިން 2 ސެޕްޓެންބަރު ވާ ބުދަ ދުވަހު ޕެންޝަން އޮފީހާއި، ބ. އޭދަފުށީގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ބާއްވާ ޚާއްޞަ ޢާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ޢާއިލީ ހަވީރުގައި ތަފާތު އުމުރުފުރާތަކަށް ޚާއްޞަ ކުޅިވަރުތަކާއި، މަޖާ ހަރަކާތްތައް ހިމެނޭނެއެވެ. މިއީ މާމަ ކާފައިންނާއި، ކުޑަކުދިން އަދި މުޅި ޢާއިލާ އެކުގައި އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް ޕެންޝަނުން އޮފީހުން މައުލޫމާތު ދެއްވައެވެ.
މި ހަރަކާތްތައް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ޢާއިލާތަކާއި، މުޖުތަމަޢު އަދި ޤައުމު ބިނާކޮށް ވަރުގަދަ ކުރުމުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ މުހިންމު ދައުރުގެ އަގުވަޒަންކޮށް، އެކަން ފާހަގަކުރުމެވެ. ހަމައެއާއެކު ޢާއިލާތައް އެއްތަނަކަށް އެއްވެ، އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.