ޔޫކްރެއިންގެ ކުރީގެ ދިފާޢީ ވަޒީރު، ޔަޝިޔާ-ޔޫކްރެެއިން ހަނގުރާމައިގެ ތެރޭގައި އެ ޤައުމުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ގޮވައިލެއްވި ގޮވައިލެއްވުމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ދެކޮޅުހައްދަވައިފިއެވެ.
ޔޫކްރެއިންގެ ޤާނޫނުގެ ދަށުން ހަނގުރާމައިގެ ޙާލަތުގައި އިންތިޚާބު ބޭއްވުމަކީ މަނާ ކަމެކެވެ. މީގެ ކުރިން އެ ޤާނޫނަށް އެއްވެސް ފަރާތަކުން ގޮން ޖަހާފައެއް ނުވެއެވެ. ނަމަވެެސް އެ ޤައުމުގެ ކުރީގެ ދިފާޢީ ވަޒީރު މިޚައިލޯ ފެޑެރޮވް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިންތިޚާބު ބޭއްވުމަށް ފާޅުގައި ގޮވައިލައްވައިފައެވެ. އޭނާ އެހެން ގޮވާލައްވާފައި ވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެ ޤައުމުން ހަނގުރާމަ ކުރަމުންދާތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގެ ޙާލަތުގައި އިންތިޚާބެއް ބޭއްވުމަކީ ވަރަށް ބޮޑު ހިރާހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ފަދަ ޙާލަތެއްގައި ބާއްވާ އިންތިޚާބެއް ވެގެން ދާނީ ޤައުމު ބައިބައިކޮށްލާނެ ‘ސުނާމީ’އެއް ކަމަށެވެ. ހަނގުރާމައިގެ ޙާލަތުގައި އެ މަގުން ހިނގަންވާނީ ޤައުމު ހަލާތުކޮށްލަން ބޭނުންވާ ނަމަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމުރުން 35 އަހަރުގެ މިޚައިލޯ ފެޑެރޮވް އަކީ ޔޫކްރެެއިންގައި މަޤުބޫލު ބޭފުޅެކެވެ. ދިފާޢީ ވަޒީރުގެ މަޤާމަށް އޭނާ ޢައްޔަނުކޮށްފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި ޒެލެންސްކީ ވަނީ އޭނާ މަޤާމުން ވަކިކުރައްވައިފައެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައެެވެ. އޭނާ މަޤާމުން ވަކިކުރުމާ ގުޅިގެން ޔޫކްރެއިންގެ އެކި ސަރަޙައްދުތަކުގައި ރައްޔިތުން މުޒާހަރާކޮށްފައިވެއެވެ.
އޮގަސްޓު މަހުގެ 20ވަނަ ދުވަހު ފެޑެރޮވް ވަނީ ޔޫޓޫބްގައި ނުވަ މިނެޓުގެ ވީޑިޔޯއެއް ނެރުއްވައި، ރަޝިޔާއަށް ޔޫކްރެއިންގެ ޑިމޮކްރަސީ ރަހީނު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގެ އިންތިޚާބު ބާއްވާނީ ކޮން އިރަކުންތޯ ރަޝިޔާއަށް ނިންމޭނެތޯ ސުވާލު ކުރައްވައި އޭނާ ވިދާޅުވީ ރަޝިޔާއަށް އެ ހައްޤު ލިބިގެން ނުވާ ކަމަށެވެ. އަދި ޔޫކްރެއިންގެ ހިންގުމަށް ނިޒާމީ ކާރިޘާއެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ހަނގުރާމައިގެ ދުވަސްވަރު އިންތިޚާބެއް ބޭއްވުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. މި ޙާލަތުގައި އިންތިޚާބެއް އިންތިޒާމު ކުރުމަށާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް ތަޖުރިބާކާތުން ޤަބޫލުކުރެއެވެ. ޔޫކްރެއިންގެ ޢާންމުންގެ ތެރެއިން ގިނަ މީހުންގެ ވިސްނުން ހުރީ ވެސް މިހެންނެވެ.