ޚަބަރު

ޗެމްޕިއަންސް ލީގު: ޝަކްޓާގެ ހޯމް މެޗުތައް ޗެލްސީގެ ސްޓެމްފަޑް ބްރިޖަށް


  • ޝަކްޓާގެ މެޗުތައް މިދަނޑުގައި ކުޅެނީ މިފަހަރު ޗެލްސީ ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރާތީ

ޔުއޭފާ ޗެމްޕިއަންސް ލީގުގައި ޔޫކްރެއިންގެ ޗެމްޕިއަން ޝަކްޓާ ޑޮނެސްކް މިސީޒަންގައި ކުޅޭ ހޯމް މެޗުތައް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީގެ ދަނޑު ސްޓެމްފަރޑް ބްރިޖްގައި ކުޅޭގޮތަށް ހަމަޖައްސައިފިއެވެ.

ރަޝިއާގެ އެހީތެރިކަން ލިބިފައިވާ ހަނގުރާމަވެރިން ޔޫކްރެއިން ސަރަހައްދަށް 2014 ވަނަ އަހަރު ވަން ފަހުން ޑޮނެސްކްގައި ހުންނަ އެޓީމުގެ ޑޮމްބާސް އެރީނާ ސްޓޭޑިއަމް ބޭނުން ކުރެވޭގޮތެއް ނުވެއެވެ. އަދި 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ޝަކްޓާއަށްވަނީ އެޓީމުގެ ސަރަހައްދީ ހުރިހާ މެޗެއް ޔޫކްރެއިންއިން ބޭރުގައި ކުޅެން ޖެހިފައެވެ.

ޑޮނެސްކްގައި މެޗު ކުޅެވޭގޮތް ނުވުމުން މިހާތަނަށް އެޓީމުން ޑޮމެސްޓިކް މެޗުތައް ކުޅެނީ ކިޔޭވް އަދި ލިވީވް ގައެވެ. އަދި ޔޫރަޕްގެ މެޗުތައް މިހާތަނަށް ކުޅެމުން އައިސްފައިވަނީ ހެމްބަރގް، ވޯސޯ، ގެލްސެންކަރކެން އަދި ލިޔުބްލިޔާނާގައެވެ. މިފަހަރުގެ މުބާރާތުގެ މެޗުތައް ލަންޑަންގައި ކުޅޭގޮތަށް ހަމަޖެހިގެންދިޔައީ މިފަހަރު ޗެލްސީ ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރާތީއެވެ. މިދިޔަ ސީޒަން ލީގުގެ 10 ވަނައިގައި އޮވެ ނިންމާލުމުގެ ސަބަބުން މިސީޒަންގައި ޔޫރަޕްގައި ކުޅުމުގެ ފުރުސަތު މިވަނީ ޗެލްސީއަށް ގެއްލިފައެވެ.

ޗެލްސީ އަކީ ރަޝިއާއިން ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ ކްލަބެކެވެ. ނަމަވެސް ހަނގުރާމައިގައި އަބްރަމޮވިޗް ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިންގެ ސަރުކާރަށް ތާއީދު ކުރުމުގެ ސަބަބުން އިނގިރޭސި ސަރުކާރުން ބާރު އަޅައިގެން ވަނީ ކްލަބް ވިއްކާލަން މަޖުބޫރު ކުރުވާފައެވެ. ޗެލްސީގެ ސްޓެމްފަޑް ބްރިޖަކީ 40 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.