ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އެކުލަވާލި ޕްލޭނާއި ގުޅޭ މަގުޗާޓު ތަންފީޒުކުރުމަށް ޔަހޫދީން ދެކޮޅުހެދުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިސްކޮށް ހުންނަވައިގެން އެކުލަވާލި މި ޕްލޭނަކީ އދ. ގެ ސަލާމަތީ މަޖިލީހުންވެސް ތާއީދުކޮށްފައިވާ ޕްލޭނެކެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ޔަހޫދީން ދެކޮޅު ހެދުމަކީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙަ ޤާއިމުކުރަން ބައިނަލްއަޤުވާމީގޮތުން ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ އަމަލެއްކަމަށެވެ.
ސަރުކާރުގެ ބަޔާނުގައި ވަނީ، ސުލްޙައިގެ މަގުޗާޓަށް ފަލަސްތީނުގެ ތާއީދު ހޯދުމަށް، ސައުދީ އަރަބިއްޔާ، ގަތަރު، މިސްރު، ތުރުކީ އަދި ބައިނަލްއަޤުވާމީ އެހެން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވާފައެވެ. އަދި ސުލްހައިގެ ޕްލޭން އިތުރަށް ލަސްނުކޮށް ފުރިހަމައަށް ތަންފީޒުކޮށް، ޣައްޒާގައި ސުލްޙަ ޤާއިމުކޮށް، ޣާޒާ އާރާސްތުކުރުމަސް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ، މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމުގެ ހައްގު ހިމެނޭހެން، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާކަން ތަކުރާރުކުރައްވާފައެވެ.