ޚަބަރު

ޣައްޒާގެ މަގުޗާޓަށް ޔަހޫދީން ކިޔަމަންކުރުވަން ޙަމާސުން ބާރުއަޅައިފި


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވައިލެއްވި މަގުޗާޓަށް ޔަހޫދީން ކިޔަމަންކުރުވުމަށް، މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ޞުލްޙައިގެ ބޯޑަށް ބާރުއަޅައިފިއެވެ. މަގުޗާޓަށް ޔަހޫދީން ކިޔަމަންކުރުވުމަށް ޙަމާސުން ގޮވައިލާފައި ވަނީ، މިޞްރުގެ ވެރިރަށް ޤާހިރާގައި އެމެރިކާގެ ރައީސްގެ ޚާއްޞަ މަންދޫބު ޖެރަޑް ކުޝްނަރއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ދަނޑިވަޅުގައި، މަގުޗާޓު ތަންފީޒުކުރުމަށް ފާޅުގައި ޔަހޫދީން އިންކާރުކުރުމުން ތުރުކީވިލާތުގެ އިތުރުން ހަތް ޤައުމަކުން ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މަގުޗާޓަށް ޔަހޫދީން އިންކާރު ކުރުމަކީ ޞުލްޙައަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ތުރުކީވިލާތާއި ޢަރަބި އަދި އިސްލާމީ ހަތް ޤައުމެއްގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ޤާހިރާގައި ބޭއްވި ބައްދަލުވުމުގައި ޞުލްޙައިގެ ބޯޑުގެ އިސް އޮފިޝަލު ނިކޮލައި މުއަދެއިނޮފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޙަމާސުން ވަނީ، މަގުޗާޓާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓުވައި، މަގުޗާޓުގެ ދެވަނަ މަރުޙަލާ ފާސްކުރުމަށް ބާރުއަޅާފައެވެ. ކުޝްނަރ ވިދާޅުވީ، ޓްރަމްޕްގެ މަގުޗާޓަށް އަމަލުކުރުމަކީ އެމެރިކާގެ މައްޗަށް އޮތް އިލްތިޒާމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް އެމެރިކާއިން ދެކޮޅު ކަމުގައެވެ. އަދި، މަގުޗާޓުގެ އިތުރު މަރުޙަލާތައް ފެށުމުގެ ކުރިން ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ އޭގެ މައިގަނޑު ޝަރުޠެއް ކަމުގައި ކުޝްނަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޙަމާސްގެ އަސްކަރީ އޮނިގަނޑު އުވައިލައި، ޞުލްޙަ ބަަލަހައްޓާ ބައިނަލްއަޤުވާމީ ފައުޖަކަށް ފުރުޞަތުދީ، ޣައްޒާގެ ވެރިކަން ހިންގުން ޤައުމީ ފެންވަރުގެ ކޮމިޓީއަކާ ޙަވާލު ކުރުމަށް ވެސް ޞުލްޙައިގެ ބޯޑުގެ މަގުޗާޓުގައި ޝަރުޠު ކޮށްފައިވެއެވެ.

ޤާހިރާ ބައްދަލުވުމަށްފަހު ޞިހްޔޫނީންގެ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ކުޝްނަރ ތެލް އަވީވަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ޓްރަމްޕްގެ މަގުޗާޓާ މެދު ޔަހޫދީ ދައުލަތުގެ ވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔަހޫދީންގެ އެންމެ ކަންބޮޑުވުމަކީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަކުގެ އިސްވާރުން ޝަހީދުކުރުމަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ހަމަލާތައް ހުއްޓައިލުމަށް ޓްރަމްޕް ޝަރުޠު ކުރެއްވުމެވެ.

މި ދަނޑިވަޅުގައި، ތުރުކީވިލާތް، މިޞްރު، އިންޑޮނޭޝިޔާ، އުރުދުން، ޕާކިސްތާން، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނެއްގައި، ޓްރަމްޕްގެ މަގުޗާޓު ތަންފީޒުކުރުމަށް ޔަހޫދީން ފާޅުގައި އިންކާރުކުރަމުންދާތީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރި ކުރައްވާފައެވެ. އެ ޤައުމުތަކުގެ ވަޒީރުން ވަނީ، ޓްރަމްޕްގެ މަގުޗާޓަކީ އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހުގެ 2803 ނަންބަރު ޤަަރާރުން ފާސްކޮށްފައިވާ މަގުޗާޓެއް ކަން ފާހަގަ ކުރައްވާފައެވެ. އަދި، މެދުއިރުމަތީގެ މަސްރަޙު ގޯސްވުމުގެ ފުރިހަމަ ޒިންމާ ޔަހޫދީން އުފުލަންޖެހޭނެ ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާ މަގުޗާޓަކީ ސަރަޙައްދީ ޤައުމުތަކާއި ޞުލްޙައިގެ ބޯޑުން ކޮށްފައިވާ ބުރަ މަސައްކަތުގެ ނަތީޖާ ކަން ފާހަގަކުރައްވައި، މަގުޗާޓު ތަންފީޒު ކުރުމުގައި އެމެރިކާގެ ބައިވެރިވުން ދެމެހެއްޓުމަށް ވެސް ވަޒީރުން ވަނީ ގޮވައިލައްވާފައެވެ. އަދި، ޣައްޒާގައި ނިމަކެތިކޮށްލާފައިވާ ދެ މިލިޔަނަށްވުރެ ގިނަ މީހުންގެ އިންސާނީ ޙާލަތު ރަނގަޅުކުރުމުގެ ގޮތުން މަގުޗާޓު ތަންފީޒުކުރުން އަވަސްކުރުމަށް ވެސް އެ ބޭފުޅުން ގޮވައިލެއްވިއެވެ. މީގެއިތުރުން، 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ މުހިންމު ކަން ވަޒީރުން ތަކުރާރުކުރެއްވިއެވެ. އަދި، ޣައްޒާ މަގުޗާޓަށް ހުރަސްއެޅިޔަނުދިނުމަށް ޓަކައި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުން ވަނީ ޞުލްޙައިގެ ބޯޑަށް ބާރުއަޅުއްވާފައެވެ.