ޚަބަރު

ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސްގެ ރައީސްއަކަށް ޑރ.އަސްއަދު


  • މިއީ 2 އަހަރުގެ މަޤާމެއް

  • ސިއްޙީ ދާއިރާގެ ފުރުޞަތުތައް ހޯދުމަށް ރާއްޖެއަށް މަގުފަހިވާނެ

  • އިންސާނީ ވަސީލަތްތައް ތަރައްޤީކުރަން މަސައްކަތްކުރާނެ

ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް(ސާކް-އޭއޭ)ގެ ރައީސްކަމަށް ރާއްޖޭގެ އެނެސްތެސިއޮލޮޖިސްޓް އެންޑް ޕެއިން ސްޕެޝަލިސްޓް ޑރ.އަސްއަދު މުހައްމަދު ޝަހީދު އައްޔަންކޮށްފިއެވެ.

މިއީ ކޮންމެ 2 އަހަރަކުން އައްޔަނުކުރާ މަޤާމެކެވެ. ރާއްޖެއަށް ލިބުނު މި މަޤާމާއެކު އެނެސްތީސިއޮލޮޖީ ޚިދުމަތްތައް ސަރަހައްދީ ފެންވަރަށް ތަރައްޤީ ކުރުމުގައި ދިވެހިރާއްޖޭގެ ދައުރު ހަރުދަނާ ކުރުމަށް މުހިންމު ފުރުޞަތެއް ލިބޭނެކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހެ ވުޒާރާއިން ވިދާޅުވެއެވެ.

ޑރ.އަސްއަދު އިންތިޚާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއަށް ފުރުޞަތުތައް ފަހިވެގެންދާނެކަމެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ސިއްޙަތާ ބެހެ ވުޒާރާއިން ވިދާޅުވީ މި ލީޑަޝިޕް ދައުރުގެ ސަބަބުން ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުންދިނުމާއި، ދިރާސާކުރުމާއި، އަދި ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭއިރު، ސާކްގެ މެންބަރު ޤައުމުތަކުގައި ހުރި ފަންނީ ޤާބިލުކަމާއި ވަސީލަތްތަކުގެ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުތައް ފަހިވެގެންދާނެކަމަށެވެ.

ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، އަދި ޚާއްޞަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުޞަތުތައް ދިވެހިރާއްޖެއަށް މި ޕްލެޓްފޯމްގެ ސަބަބުން މަގުފަހިވާނެއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

ޑރ. އަސްއަދު މި މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ދިވެހިރާއްޖެއިން ޚާއްޞަ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޤާބިލު ސިއްޙީ މަސައްކަތްތެރިންގެ ޓީމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައިކަން ސިއްޙަތާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. ޑރ.އަސަދުގެ ރައީސްކަމުގެ ދައުރަކީ ސަރަހައްދީ ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޕޮޒިޝަން ކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމަކަށް ވެގެންދާނެކަމަށްވެސް ސިއްޙަތާ ބެހޭ ވުޒާރައިން ވިދާޅުވިއެވެ.