ޚަބަރު

ހޭނެއްތުމާ ގުޅޭ ޚާއްސަ ދާއިރާތަކަށް މީހުން ތަމްރީންކުރަން މަޝްވަރާކޮށްފި


  • ނަރުހުންނާއި ޓެކްނިޝަނުން ތަމްރީންކުރާނެ

  • ސާކްގެ ޤައުމުތަކުގެ އެސޯސިއޭޝަންތަކާއެކު މަޝްވަރާކުރެއްވި

  • އެނެސްތެސިއޮލޮޖީގެ ދާއިރާ ރާއްޖޭގައި ޑިމާންޑް ބޮޑު

ސާޖަރީތަކާއި ތަފާތު އޮޕަރޭޝަންތަކަށް ހޭނެއްތުމުގެ ފަރުވާއާއި ގުޅޭ ނަރުހުންނާއި ޓެކްނިޝަނުން ތަމްރީނުވުމުގެ ފުރުޞަތު ރާއްޖޭގައި ތިބެގެން ލިބޭނެ ފުރުޞަތު ހޯދުމަށް ސާކްގެ ޤައުމުތަކުގެ އެސޯސިއޭޝަންތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީއާއި ސިއްޙީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ. އަޙުމަދު އަޝްރަފް ވިދާޅުވީ އެނެސްތެސިއޮލޮޖީ ދާއިރާއަށް ބޭނުންވާ ސްޕެޝަލައިޒްޑް ސިއްޙީ މަސައްކަތްތެރިން ރާއްޖޭގައި މަދުކަމަށެވެ. އަތޮޅުތަކުގައި ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހޭނައްތާ ޑޮކްޓަރުންގެ ގޮތުގައި މުޅިންވެސް މަސައްކަތްކުރަނީ ބިދޭސީންކަމަށާއި، ދިވެހިންގެ ގޮތުގައި މި ދާއިރާގައި ތިބީ 11 ސްޕެޝަލައިޒްޑް ޑޮކްޓަރުންނެވެ.

ޑރ.އަޝްރަފް ވިދާޅުވީ މި ދާއިރާގައި ސްޕެޝަލައިޒްޑް ޑޮކްޓަރުން، ނަރުހުން އަދި ޓެކްނީޝަނުން ބޭނުންވާކަމަށާއި، އެކަމުގައި ސަރަހައްދީ ޤައުމުތަކުގެ އެހީތެރިކަން ހޯދަން މަސައްކްތަކުރާކަމަށެވެ.

ސާކްގެ ޤައުމުތަކުގެ އެނެސްތެސޯޝިއޮލޮޖީ އެސޯސިއޭޝަންތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ވަނީ، ރާއްޖޭގެ އާބާދިއާއި ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު އޮތްގޮތް ތަފްސީލްކޮށްދެއްވާފައެވެ. އަދި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ދާއިރާތަކުގެ ތަފްސީލް ޙިއްސާކުރެއްވިއެވެ.

އަދި އެންމެ މުހިންމުކަމެއްގެގޮތުގައި ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް މެދުވެރިކޮށް، އެނެސްތިއޮލިޖީ ދާއިރާއިން ނަރުހުންނާއި ޓެކްނީޝަނުން ތަމްރީންކުރުމަށް މަޝްވަރާކުރެއްވިއެވެ.

އެގޮތުން އެމްއެންޔޫ މެޑިކަލް ސްކޫލް މެދުވެރިކޮށް، މި ޓްރެއިނިންތައް ފަހިކުރުމަށް ކަރިކިއުލަމްއެއް އެކުލަވާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. މި މަސައްކަތުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއ އެމްއެންޔޫއާއި ގުޅިގެން މަސައްކަތް ކުރެވޭކަންވެސް ޑރ.އަޝްރަފް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ތަރައްޤީވެ، އަތޮޅުތަކުގައި ސަރޖަރީތަކާއި އޮޕަރޭޝަންތައް ކުރެވޭ މިންވަރު އިތުރުވަމުންދާއިރު، އެނެސްތިއޮލޮޖީގެ ދާއިރާ މިހާރު ވަނީ ރާއްޖެއަށް ވަރަށް މުހިންމު ޚިދުމަތަކަށް ވެފައެވެ. އަދި މިއީ ވަރަށް ޑިމާންޑް ބޮޑު ދާއިރާއެއްކަން ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ރާއްޖޭގެ މެޑިކަލް ސްކޫލް މެދުވެރިކޮށް އެކި ދާއިރާތަކުން ސްޕެޝަލައިޒް ވެވޭނެ މަގު ފަހިކުރުމަށް، ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 5 ދާއިރާއަކުން އެ ފުރުޞަތު ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.