ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަނުގައި މާދަމާގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
"ފްރެންޑް 4" ދޯނި ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢުއާއި، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ.މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.
އެމްއެންޑީއެފުން މަޢުލޫމާތުދޭ ގޮތުގައި، މިމަހުގެ 6ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއަށް 8 ދުވަސް ވެފައިވާއިރު، ގެއްލުނު މީހުން ހޯދުމަށް މިއަދު 18:00ގެ ނިޔަލަށް ވައިގެ މަގުން 9,920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި، އުތުރުން ލ. އަތޮޅުގެ ފަރުތައްވެސް ވަނީ ބަލާފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މިހާތަނަށް ކުރި މަސައްކަތުން މި ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ބޮޑު ބައެއް ބަލާފައިވާ ކަމަށެވެ. އަދި މާދަމާގެ މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެ ކަމަށްވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
ދޯނި އަޑިޔަށް ގޮސްފައިވަނީ، 1,600 މީޓަރަށްވުރެ ފުން ސަރަޙައްދަކަށް ކަމަށް ބެލެވޭއިރު، މިއީ އަސްކަރީ ނުވަތަ ނިއުކްލިޔަރ ސަބްމެރިންވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫންކަން އެމްއެންޑީއެފްއިން ފާހަގަކުރެއެވެ. އަދި މި އޮޕަރޭޝަނުގައި "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" (ޔޫއޭވީ) ބޭނުން ކޮށްގެން ރޭގަނޑުވެސް އޮޕަރޭޝަންތައް ހިންގަމުންދާއިރު، "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"އާއި، އިންޓަރސެޕްޓަރ ކްރާފްޓްސް، ހާބަރ ޕެޓްރޯލް ލޯންޗު އަދި ޕޮލިސް ލޯންޗު ބޭނުން ކޮށްގެންވެސް އެ ސަރަހައްދު ބަލަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހާދިސާގައި ދޯނި ފެތެމުންދިޔަ ވަގުތު ކުއްލި ގޮތަކަށް އަޑިއަށް ދިޔުމުގެ ކުރިން ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ 3 ފަޅުވެރިން ހިމެނެއެވެ. ނަމަވެސް ދޯނި އަޑިއަށް ދިޔުމާ ގުޅިގެން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫންއާއި، ސިފައިންގެ މީހަކާއި ފުލުހުންގެ މީހެކެވެ.
މި ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު ޢަލީ، ކަނޑުގައި ދެ ބިދޭސީން ސަލާމަތް ކުރުމަށް ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތާއި، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ސާޖަންޓް ޢަލީ ނާފިޢު، ސާޖަންޓް ޢަލީ ސައިފް، އޯގްޒިލަރީ ފަޔަރމަން ޢަބްދުﷲ ޝަފީޤު އަދި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތްކުރި ކެޕްޓަން ޙަމްދޫންގެ ޤައުމީ ޚިދުމަތުގެ ހިތްވަރު އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.