ޚަބަރު

ރާޔާ އެއާވޭސްއިން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށައިފި


  • ކާގޯ ދަތުރުތައް ބާއްވާނީ ހަފުތާއަކު 2 ދުވަހު

  • މިއީ މެލޭޝިޔާއަށް ބާއްވާ ފުރަތަމަ ކާގޯ ދަތުރުތައް

  • މިއީ ޓެލެޕޯޓްއިން ޗާޓަރުކޮށްގެން ކުރިޔަށްގެންދާ ދަތުރުތަކެއް

ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ، ރާޔާ އެއާވޭސްއިން ކުރާ މިދަތުރުތަކަކީ ޕެނޭންގްއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކެއް ކަމަށާއި މި ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު ކަމަށެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގ 767-200 މަރުކާގެ ކާގޯ ބޯޓުފަހަރު ކަމަށާއި، މި އެއާވޭސްގެ ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެ ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މި އައު ދަތުރުތަކާއެކު އެމްއެލްއީއާއި ޕެނޭންގާ ދެމެދު ސީދާ ގުޅުމެއް ގާއިމުވެފައިވާ ކަމަށާއި އަދި މިއީ މެލޭޝިއާއިން ތާވަލު ކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތައް ކަމަށެވެ. މި ޚިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރު ކޮށްގެން ކުރިޔަށްގެންދާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ ޚިދުމަތާއެކު އައު ފުރުސަތުތަކެއް ވަނީ ހުޅުވިފައެވެ. އެގޮތުން މި ފުރުސަތުތަކާއިއެކު ދެކުނު އޭޝިއާއާއި ރާއްޖެއާ ދެމެދު މިހާރު ޤަވާއިދުން މުދާ އުފުލޭނެއެވެ.

މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ، ޓްރާންސްޝިޕްމަންޓް ކާގޯ ކަމަށާއި މީގެ ސަބަބުން އެމްއެލްއީގެ ދައުރު އިތުރަށް ވަރުގަދަވާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އެއީ، ކާގޯ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ކަމަށާއި މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވިގެންދާނެ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.

ރާޔާ އެއާވޭސްއަކީ އެމްއެލްއީއަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ.

މިއަހަރުގެ ޖެނުއަރީއިން ޖުލައިގެ ނިޔަލަށް އެމްއެލްއީ އިން ވަނީ، ގިނަ އަދަދެއްގެ ކާގޯތަކެއް ހެންޑްލްކޮށްފައެވެ. އެއީ، 390 ކާގޯ ދަތުރު މެދުވެރިކޮށެވެ. މުޅިއެކު 3,228 ޓަނުގެ ކާގޯ ހެންޑްލްކޮށްފައިވެއެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ، މުހިންމު މަންޒިލުތަކަކާ ގުޅުވާލާފައެވެ. އޭގެ ތެރޭގައި ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ހިމެނެއެވެ. މިދިޔަ އަހަރުވެސް ގިނަ ދަތުރުތައް ކުރިއެވެ. އެއީ، 518 ކާގޯ ދަތުރެވެ. އަދި 4,300 ޓަނަށްވުރެ ގިނަ ކާގޯ ހެންޑްލްކުރިއެވެ.