ޚަބަރު

ޖަޕާނަށް ބޯކޮށް ވާރޭވެހި 4 މީހުން މަރު!


ޖަޕާނަށް ރެކޯޑު މިންވަރަކަށް ވާރޭވެހި، ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ބުރޫއަރައި، ޓޯކިޔޯގެ ނަރީތާ އެއާޕޯޓުގައި އެތައް ހާސް ފަސިންޖަރުން ތާށިވެއްޖެއެވެ. މި ހާދިސާގައި ޢާންމުންގެ ގެދޮރުން ކަރަންޓުގެ ޚިދުމަތް ކެނޑި، ފެންބޮޑުވުމުގެ ސަބަބުން ހަތަރު މީހުން ވަނީ މަރުވެފައެވެ. ވެރިރަށް ޓޯކިޔޯއާ އިންވެގެން އޮންނަ ޗިބާ ޕްރިފެކްޗަރގެ ބައެއް ސަރަޙައްދުތަކަށް 24 ގަޑިއިރުގެ ތެރޭގައި 360 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމުގައި ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ޖަޕާނަށް މޫސުން ގޯސްވެފައި މި ވަނީ، އެ ޤައުމުގެ އެންމެ ބާރުބޮޑު ޗުއްޓީ ދުވަސްވަރެވެ. ފެންބޮޑުވުމާ ގުޅިގެން ގިނަ މަގުތަކާއި ރޭލު ދަތުރުކުރާ މަގުތައް ވަނީ ބަންދުވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް ހަތަރު މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، އޭގެ ތެރެއިން އެކަކު މަރުވީ ފެންބޮޑުވި ސަރަޙައްދެއްގައި ކާރެއްގެ ތެރޭގައި ތާށިވެގެންނެވެ. އަދި، އިތުރު މީހަކު ގެއްލިގެން ހޯދަމުންދާ ކަމުގައި އިދާރާތަކުން ބުނެއެވެ. ފެންބޮޑުވުމާ ގުޅިގެން ގެދޮރުގައި ތާށިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނުގެ ސިފައިން ވަނީ މަސައްކަތް ފަށާފައެވެ. މިއީ، މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާކުރައްވާފައި ނުވާ ފަދަ އާދަޔާޚިލާފު ޙާލަތެއް ކަމުގައި ޗިބާގެ ގަވަރުނަރު ޓޮޝިހިތޯ ކުމާގައި ވިދާޅުވިއެވެ.

ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކުންފުނިން ބުނީ، ހުކުރު ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް 22،000 އަށް ވުރެ ގިނަ ގޭބިސީން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ގެދޮރުން ނިކުންނަން ޖެހުނު އެތަކެއް ހާސް ބަޔަކަށް، ސަރުކާރު އޮފީސްތަކުގެ އިމާރާތްތަކުގައި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދަތުރުފަތުރަށް އެރި ބުރޫތަކާއެކު ނަރީތާ އެއާޕޯޓުގައި 7،000 އަށްވުރެ ގިނަ މީހުން ތާށިވި ނަމަވެސް، ވައިގެ އުދުހުންތައް މެދުކަނޑައިލާފައި ނުވާ ކަމުގައި އެއާޕޯޓުގެ ތަރުޖަމާނު ވިދާޅުވިއެވެ. ޖަޕާން އެއާލައިންސުން ބުނީ، ބައެއް ދަތުރުތައް ލަސްވި ނަމަވެސް އުދުހުންތައް މެދުކަނޑައިލަން ޖެހޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ. މީގެ އިތުރުން، ގިނަ ހަލިމަގުތަކެއް ބަންދުކުރަން ޖެހި، އެއްގަމު އުޅަނދުފަހަރު ތޮއްޖެހުނު ނަމަވެސް، ޗިބޯއާއި ޓޯކިޔޯއާ ދެމެދު ރޭލު ދަތުރުތައް އަލުން ފެށުމާއެކު، އެއާޕޯޓަށް ލުޔެއް ލިބިފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ. އެއާޕޯޓުގައި ތާށިވެފައި ތިބި މީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ތަނުގެ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.