ޚަބަރު

އަފްޣާނިސްތާނުގެ ކުޑަކުދިންނަށް ކާޑުބަލި ޖެހޭ މިންވަރު އިތުރުވެއްޖެ


އަފްޣާނިސްތާނުގެ ތުއްތުކުދިންގެ ތެރެއިން ކޮންމެ 10 ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކަށާއި އުމުރުން 5 އަހަރުން ދަށުގެ ކޮންމެ ދިހަ ކުއްޖަކުން އެއް ކުއްޖަކަށް ކާޑުބަލި ޖެހި ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ސޭވް ދަ ޗިލްޑްރަން ޖަމްޢިއްޔާއިން ބުނެފިއެވެ.

ޚަރަދުކުރާނެ ފައިސާ ނެތުމުގެ ސަބަބުން އަފްޣާނިސްތާނުގެ އަސާސީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށް ނުދެވި ޞިއްޙީ ޚިދުމަތްތައް ދޭ ތަންތަން ބަންދުކުރަން ޖެހިފައިވާ ކަމަށް ސޭވް ދަ ޗިލްޑްރަންއިން ބުނެއެވެ. އޭގެ ސަބަބުން އެ ޤައުމުގެ ކުޑަކުދިން ކާޑުބައްޔަށް ހުށަހެޅޭ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފަެއެވެ.

ކަޑުބަލި ޖެހި ޙާލަތު ގޯސްވުމުން ކުއްލިއަކަށް ވަރަށް ބޮޑަށް ހަށިގަނޑުގެ ބަރުމިން ދަށްކޮއްލައެވެ.

އދއަށް ހަވާލާދީ ސޭވް ދަ ޗިލްޑްރެން އިން ބުނީ މިދިޔަ އަހަރާ އަޅާ ބަލައިއިރު މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި އަފްޣާނިސްތާނުގެ ތިން ބައި ދެބައިގައި ކާޑުބަލި ޖެހިފައިވާ ކުދިންގެ ޢަދަދު އިތުރުވެފައިވާ ކަމަށެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ކާޑުބަލި ޖެހޭ މިންވަރު ބަނީ 14 އިންސައްތައިން އިތުރުވެފައެވެ. ބެލެވޭ ގޮތުގައި މި އަހަރު އެކަނި ވެސް 3.7 މިލިޔަން ކުޑަކުދިންނަށް އެ ކަމުގެ އަސަރުކޮށްފައިވެއެވެ.

ސޭވް ދަ ޗިލްޑްރެންއިން ބުނީ އަފްޣާނިސްތާނުގެ ކުޑަކުދިންގެ ޙާލަތު އެހާ ގޯސްވެފައި ވަނީ އެ ޤައުމަށް ކާބޯތަކެތި އެދެވޭ މިންވަރަކަށް އެތެރެނުވާތީ ކަމަށެވެ. އެހީ ނުލިބުމުގެ ސަބަބުން ޞިއްޙީ ޚިދުމަތް ދޭ 600 މަރުކަޒެއް ބަންދުކުރަން މަޖުބޫރުވި ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އޭގެ އަސަރު 4 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކުރާ ކަމަށާއި އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ. ސޭވް ދަ ޗިލްޑްރެެންގެ މަސައްކަތަކުން ގާތްގަނޑަކަށް 14 ކްލިނިކް އަދި ވެސް ހިންގަމުން ދާ ކަމަށް ސޭވް ދަ ޗިލްޑްރެންއިން ބުނެއެވެ. އެ ޖަމްޢިއްޔާއަކީ އަފްޣާނިސްތާނުގެ އުތުރުގެ ފަރުބަދަ މަތީ ސަރަޙައްދުތަކުގައި ދިރިއުޅޭ 10،000އެއްހާ މީހުންނަށް ޞިއްޙީ ޚިދުމަތް ދޭ ހަމައެކަނި ޖަމްޢިއްޔާއެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމަށް 2022ވަނަ އަހަރު 3.27 ބިލިޔަން ޑޮލަރު ޚަރަދު ކުރި ނަމަވެސް 2025ވަނަ އަހަރު އެ ޢަދަދު 1 ބިލިޔަނަށް މަދުވެފައިވާ ކަމަށް ވެސް ސޭވް ދަ ޗިލްޑްރެންއިން ބުންޏެވެ. މި އަހަރުގެ މިހާ ތަނަށް ލިބިފައި ވަނީ އެންމެ 438 މިލިޔަން ޑޮލަރު ކަމަށާއި މި އަހަރަށް ބޭނުންވާ ފައިސާ 74 އިންސައްތައިން މަދު ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ޤައުމުގެ އާބާދީ އިތުތުވަމުން ދިޔުމެވެ. 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް އެ ޤައުމުގެ އާބާދީ ވަނީ 12 އިންސައްތައިން އިތުރުވެފައެވެ. އެއީ ޕާކިސްތާނާއި އީރާނުން ޤައުމަށް އެނބުރި ހަ މިލިޔަނަށްވުރެ ގިނަ މީހުން އައިސްފައިވާއތީއެވެ. އޭގެ ސަބަބުން މިހާރު ވެސް މަދުވެފައިވާ ވަސީލަަތްތަކަށް އިތުރަށް ބާރުބޮޑު ވާނެއެވެ.