ޚަބަރު

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފި


  • ސިވިލް ކޯޓަށް އައްޔަން ކުރެއްވީ 2 ފަނޑިޔާރުން

  • ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވީ 3 ފަނޑިޔާރުން

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ކުރިފުޅުމަތީގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާތުމަތު ފަރުހީޒާއެވެ. ހުވާކުރެއްވުމަށްފަހު ފަނޑިޔާރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީންނެވެ. އެ ކޮމިޝަނުން ވަނީ ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އަދި ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން އައްޔަން ކުރައްވާފައެވެ. މި ފަނޑިޔާރުންނަށް ފަތްކޮޅު އަރުވައިދެއްވީ ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްއެވެ.

ސިވިލް ކޯޓަށް ޤާޟީން ހޯދުމަށް އިއުލާންކޮށް އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޖޭއެސްސީން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ނިންމެވީ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛް މުޙައްމަދު ނިޝާޠު އާއި ރ. ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޡީމާއެވެ.

އަލްއުސްތާޛް މުޙައްމަދު ނިޝާޠު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯސް (އޮނަރސް) އަދި މާސްޓަރ އޮފް ލޯ ހާސިލް ކުރައްވާފައެވެ. އޭނާ ވަނީ 30 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވާފައެވެ. އޭނާއަކީ ޝަރުޢީ ދާއިރާ އާއި ގުޅުންހުރި މަޤާމުތަކުގައި 15 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޓަރނީ ޖެނެރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރ، ލީގަލް އޮފިސަރ އަދި ސީނިއަރ ލީގަލް އޮފިސަރ މަޤާމާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވެއެވެ.

އަލްއުސްތާޛާ އާސިޔާ އަޡީމާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އޮނަރސް އަދި ޔުނިވަރސިޓީ އޮފް ބަރމިންގހަމްއިން މާސްޓަރ އޮފް ލޯ ހާސިލް ކުރައްވާފައެވެ. އަލްއުސްތާޛާ އާސިޔާ އަޡީމާ އަކީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަޤާމާއި ލީގަލް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު 27 އޮގަސްޓް 2014 އިން ފެށިގެން 28 ފެބްރުވަރީ 2021 އަށް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކްރިމިނަލް ކޯޓަށް ޤާޟީން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން އެ ކޯޓަށް އައްޔަން ކުރައްވާފައިވަނީ ޅ. ކުރެންދޫ ނޫރާނީމާގެ، އަލްއުސްތާޛް ސުލައިމާން މުޙައްމަދު އާއި ހއ. ދިއްދޫ ޑޭޒީމާގެ، އަލްއުސްތާޛް އަޙްމަދު ތައުފީޤު އަދި ތ. ވޭމަންޑޫ ޑްރީމް، އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲއެވެ.

އަލްއުސްތާޛު ސުލައިމާން މުޙައްމަދު ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ހާސިލް ކުރައްވާފައެވެ. އޭނާވަނީ 8 ސެޕްޓެންބަރު 2017 އިން 03 ސެޕްޓެންބަރު 2022 އަށް ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމާއި 4 ސެޕްޓެންބަރު 2022 އިން ފެށިގެން ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވާފައެވެ. އޭނާއަކީ ޝަރުޢީ ދާއިރާ ގައި 12 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯސް އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ އެޓަރނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓަރނީގެ މަޤާމާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމް އަދި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވަރސިޓީން ބެޗްލަރ އޮފް އާރޓްސް އެންޑް ބެޗްލަރ އޮފް އެލްއެލްބީ އޮނަރސް ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 8 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ ސެޕްޓެންބަރު 2017 އިން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.

މި ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓަށް އައްޔަން ކުރެއްވި 2 ފަނޑިޔާރުންނަކީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް އައްޔަން ކުރެވުނު ފަނޑިޔާރުންނެވެ. އަދި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވުނު 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންނަކީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް އައްޔަން ކުރެވުނު ބޭފުޅުންނެވެ.