ޚަބަރު

ބީއެމްއެލްގެ ބޭންކް ފަންޑް ފަސް ޖަމްޢިއްޔާއަކަށް


  • ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ

  • ފަންޑުގެ ބޭނުމަކީ މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުވުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކޮންމެ އަހަރަކު ދެމުންދާ 'ބޭންކް ފަންޑް' މިއަހަރު ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.

ބީއެމްއެލްގެ ބޭންކް ފަންޑަށް މި އަހަރު 5 ޖަމިއްޔާއެއް ހޮވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިއްދޫ ކުރިމަގު، ޔުނިޓީ ސްޕޯޓްސް އެކަޑަމީ، ލާމު ފާމަރސް އެސޯސިއޭޝަން، ބްލޫ ގިލްޑް ފައުންޑޭޝަން އަދި ކަލައިދޫ ވިންގްސްއެވެ.

އޭގެތެރެއިން ދިއްދޫ ކުރިމަގު ޖަމިއްޔާއަށް ފަންޑުދެނީ، ހއ. ދިއްދޫގައި 'ހައިވް'ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުމަށެވެ. މިއީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޚާއްޞަ މަރުކަޒެކެވެ.

ޔުނިޓީ ސްޕޯޓްސް އެކަޑަމީއަށް ފަންޑު ދޫކުރީ، ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީ ކުރުމަށެވެ. މިއީ، ތިމާވެށި ހިމާޔަތް ކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރާ ތަނެކެވެ.

މީގެއިތުރުން ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުމަށް، ލާމު ފާމަރސް އެސޯސިއޭޝަނަށް ފަންޑު ދީފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް މަގުފަހިވާނެއެވެ.

ބްލޫ ގިލްޑް ފައުންޑޭޝަނަށް ފަންޑް ދޫކުރީ، ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލުގައި ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް 'މޭކަރ ސްޕޭސް' އެއް ގާއިމުކުރުމަށެވެ. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި ކަލައިދޫ ވިންގްސްއަށް ފަންޑު ދޫކުރީ، ލ. ކަލައިދޫ ބަނދަރުގައި 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްޤީ ކުރުމަށެވެ. އެތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި، ފާޚާނާއާއި، ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

'ބޭންކް ފަންޑަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލުތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫޢެއް ހޮވައި، ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދޭގޮތަށް ކުރިއަށްގެންދާ ފަންޑެކެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިފަދަ ފަންޑެއް ދޫކުރުމުގެ މަޤުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް އެހީތެރިވުމަކީވެސް މި ފަންޑުގެ މަޤުސަދެއް ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.