މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހި މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.
ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ. ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެއެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައިކަަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިޕޯޓްތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ފ.ބިލެއްދުއަށެވެ. އެއީ 48.6 މިލިމީޓަރުގެ ވާރޭއެވެ.
2ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ދައްކަނީ ހުޅުމާލެއަށެވެ. އެއީ 35.8 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ އއ. ތޮއްޑޫއަށް 31.2 މިލިމީޓަރުގެ ވާރޭވެފިފައިވެއެވެ.