ޚަބަރު

ޕޮގްބާގެ ކޮންޓްރެކްޓް މޮނާކޯ އިން އުވާލަނީ


ފްރާންސްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ އާއިއެކު މޮނާކޯ އިން ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގައި މޮނާކޯ އާއި ގުޅުނު ޕޮގްބާ އާއިއެކު އެ ކްލަބުން އޭރު ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން މޮނާކޯ އާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް މިއޮތް ސީޒަނުގެ ނިޔަލަށެވެ.

ނަމަވެސް މޮނާކޯ އިން އެ ކޮންޓްރެކްޓް އުވާލަން މަޝްވަރާ ކޮށްފައިވަނީ ނިމިގެންދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ޕޮގްބާއަށް އަނިޔާވެ ގިނަ މެޗުތަކެއް ގެއްލިފައިވާއިރު, މި ހަފްތާގައި އޭނާއަށް ވަނީ އަނިޔާގެ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކުޅިވަރުގައި މަނާ ބޭހަށް ޕޮޒިޓިވްވެ ފެބްރުއަރީ 2024 ގައި ހަތަރު އަހަރަށް ޕޮގްބާ ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ޕޮގްބާއަށް ހެދުނު ގޯހުގެ ޒިންމާ ނަގާ އެކަމަށް އަމިއްލައަށް އިއުތިރާފު ވުމާއިއެކު އޭނާގެ އަދަބު ލުއިކޮށް 2025 ވަނަ އަހަރުގެ މާޗް މަހު ވަނީ އޭނާގެ ސަސްޕެންޝަން އުވާލާފައެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސް އިން ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ އިޓަލީގެ ޔުވެންޓަސް އަށް ކުޅެނިކޮށް 2023 ވަނަ އަހަރު ނެގި ސާމްޕަލް އަކުންނެވެ.

ޕޮގްބާގެ ކޮންޓްރެކްޓް އުވާލުމާއި ގުޅޭ ގޮތުން މޮނާކޯ އިން ރަސްމީކޮށް އަދި އެއްވެސް ކޮމެންޓެއް ކޮށްފައިނުވި ނަމަވެސް ޕޮގްބާގެ މުސްތަގުބަލާއިމެދު ގޮތެއް ނިންމުން މިވަގުތު އޮތީ ޕޮގްބާގެ އަތުގައެވެ.